ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އޮލިމްޕިކްގެ ހޮސްޓް ސިޓީ ކަމުގައި ވާ ޖަޕާނުގެ ޓޮކިޔޯއިން ރެކޯޑް އަދަދަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރިޕޯޓް ކޮށްފިއެވެ.

ލިބިފައި ވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ހޮނިހިރު ދުވަހު އެ ސިޓީއިން 4058 ކޭހެއް ފެނިފައި ވާއިރު، މިއީ ޓޮކިޔޯގެ ކޮވިޑް ކޭސްތައް، 4000 ގެ ފާހަގަ ހުރަސް ކުރި ފުރަތަމަ ފަހަރު ކަން ފާހަގަ ކުރަން ޖެހެއެވެ.

މުޅި ޖަޕާނަށް ބަލާއިރު ހޮނިހިރު ދުވަހު، ޖުމުލަ 12341 ކޭހެއް ރިޕޯޓް ކޮށްފައިވެއެވެ. މިއީވެސް ޖަޕާނަށް ރެކޯޑަކަށް ވާއިރު، މިއީ ދުވަހުން ދުވަހަށް ބަލާއިރު، 15 ޕަސެންޓްގެ އިތުރުވުމެއް ކަން ވެސް ފާހަގަ ކުރަންޖެހެއެވެ.

ޖުލައި 31، 2021 ވަނަ ދުވަހު ޖަޕާނުން ވަނީ ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސް ރިޕޯޓް ކޮށްފަ / ފޮޓޯ: ޑެއިލީ ސަބާހް

ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރުމުގެ އެއް ދުވަސް ކުރިން ޖަޕާނުން ވަނީ 3 ޕްރީފެކްޗާއެއްގައި ކުއްލި ނުރައްކާގެ މުހުލަތު ދަންމާލަން ނިންމާފައެވެ. އޮލިމްޕިކް މުބާރާތް ނިންމާ، އޯގަސްޓް 24، 2021 ގައި ޕެރަލިމްޕިކް ގޭމްސް ފެށުމާ ހިސާބަށް ކުއްލި ނުރައްކާ ދަންމާލަން ޖަޕާނުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖަޕާންގެ އޮލިމްޕިކް އޯގަނައިޒަރުން ވަނީ ކުޅިވަރު މުބާރާތާ ގުޅޭ ބައއް މީހުންނަށް ދޫކޮށްފައި ވާ ހާއްސަ ހުއްދަ ބާތިލު ކޮށްފައެވެ. އެ ހުއްދަތައް ބާތިލު ކުރީ، އެތުލީޓުންގެ ވިލެޖު ދޫކޮށް، ރަށު ތެރެ ބަލާލަން ނިކުތުމުން، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެވެއެވެ. މި ހުއްދައަކީ އެތުލީޓު ވިލެޖަށް ވަނުމަށް ބޭނުންވާ ހުއްދައެވެ. ކުޅިވަރު މުބާރާތުގެ ކަމަކު ނޫނީ، އެތުލީޓުންގެ ވިލެޖު ދޫކޮށް ދިއުމުގެ ހުއްދައެއް، އެއްވެސް އެތުލީޓަކަށްވެސް، އަދި އެ ވިލެޖުގެ އެއްވެސް "ރަށްވެއްސަކަށް" ނޯވެއެވެ.