ގައުމުގެ މަސްރަހު އިންތިހާއަށް ގޯސްވުމުގެ ސަބަބުން ފޮނި ހުވަފެންތަކެއް ދޫކޮށްލަން ޖެހުނު އަފްގާނިސްތާނުގެ ޕެރަލިމްޕިއަނުން، މިހާރު ކުރިއަށް ދާ ޕެރަލިމްޕިކް ކުޅިވަރު މުބާރާތުގެ އިވެންޓްތަކުގައި ވާދަ ކުރުމަށް ޖަޕާނަށް ދަތުރު ކޮށްފިއެވެ.

ބައިނަލްއަގުވާމީ ޕެރަލިމްޕިކް ކޮމިޓީއިން ބުނީ، އަފްގާނިސްތާނުގެ ޕެރަލިމްޕިއަނުން، ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް ދަތުރު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

އަފްގާނިސްތާނުގައި ތާށިވެފައި ތިބި ޒާކިއާ ހުދާދާދީއާއި ހުސައިން ރަސޫލީ، އަފްގާނިސްތާނުން "ނަގައިގެން" ފަރަންސޭސިވިލާތަށް ގެންދިޔައީ ބައިނަލްއަގުވާމީ ފެންވަރުގެ އިވަކުއޭޝަން އޮޕަރޭޝަނެއްގައި ކަމަށް އައިޕީސީއިން ބުނެއެވެ.

ޓޯކިޔޯ 2020 ޕެރަލިމްޕިކް ގޭމްސްގެ އިސް އޮފިޝަލު، އެންޑްރޫ ޕާސަންސް ވިދާޅުވީ، އަފްގާނިސްތާނުގެ އެތުލީޓުން މިހާރު ޓޯކިޔޯގައި ތިބި ކަމަކީ، މުޅި ދުނިޔެއަށްވެސް ދޭ އުއްމީދުގެ މެސެޖެއް ކަމަށެވެ.

ޒާކިއާ ހުދާދާދީއާއި ހުސައިން ރަސޫލީ ޓޯކިޔޯއަށް ދަތުރު ކުރީ، ހަފުތާއެއްހާ ދުވަސް ވަންދެން، ފަރަންސޭސިވިލާތުގައި ތަމްރީނު ހޯދުމަށް ފަހުގައެވެ.

އަންހެނުންގެ ޓައެކްވޮންޑޫ ކޭ44099ކިލޯގްރާމް ކެޓަރީގައި ހުދާދާދީ ވާދަ ކުރާނީ ސެޕްޓެމްބަރު 2 ވަނަ ދުވަހުއެވެ. ފިރިހެނުންގެ 400 މީތަރު ޓީ 47ގައި ރަސޫލީ ވާދަ ކުރާނީ ޖެހިގެން އަންނަ ދުވަހުއެވެ.

އަފްގާނިސްތާނުގެ މަސްރަހު އެންމެ ހައްސާސް ވެގެން ދިޔަ ދަނޑިވަޅުގައި ފެށީ ޕެރަލިމްޕިކްސް ކުޅިވަރު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، އަފްގާނިސްތާނުގެ ދިދަ ބޭނުން ކޮށްފައިވެއެވެ.