ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ޕެރަލިމްޕިކްސް ކުޅިވަރު މުބާރާތުގައި އަފްގާނިސްތާނު ތަމްސީލު ކުރާ 2 އެތުލީޓުންގެ ދަތުރަށް ހުރަސް އެޅިއްޖެއެވެ.

ޓައެކްވޮންޑޫ ވާދަވެރިޔާ ޒާކިއާ ހުދާދާދީ އާއި ޓްރެކް އެތުލީޓު ހުސައިން ރަސޫލީގެ ދަތުރަށް ހުރަސް އެޅިފައި ވަނީ، އަފްގާނިސްތާނުގައި މިހާރު ހިންގަމުން ދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މި 2 އެތުލީޓުންވެސް ޓޯކިޔޯއަށް ދިއުމަށް ތާވަލު ކޮށްފައި ވަނީ މިއަދުއެވެ.

ހުދާދާދީއަކީ ޕެރަލިމްކިކްސް ކުޅިވަރު މުބާރާތުގައި އަފްގާނިސްތާނުގައި ތަމްސީލު ކުރަން ދާން އޮތް، ފުރަތަމަ އަންހެން އެތުލީޓުވެސްމެއެވެ.

އަފްގާނިސްތާން ޕެރަލިމްޕިކް ކޮމިޓީގެ ޝެފް ޑި މިޝަން، އާރިއަން ސޯދިގީ ވިދާޅުވީ، މިއި އިންތިހާއަށް ހިތާމަ ހުރި ކަމެއް ކަމަށެވެ. ލަންޑަންގައި ހުންނަވާ، ވާހަކަދައްވަމުން ސޯދިގީ ވިދާޅުވީ، ކަން ދިމާ ކުރި ގޮތުން ތޯލިބާނުން ކާބުލްގެ ކޮންޓްރޯލް ނެގީ ކަމަށާ، މިއާއެކު ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސްފައި ވާ ކަމަށެވެ.

ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އިންތިހާ ހަލުވި ދުވެއްޔެއްގައި ކަމަށާ، އަފްގާނިސްތާނުން ބޭރަށް، ނުވަތަ އެތެރެއަށް ކޮމާޝަލް އުސޫލުން ވައިގެ ދަތުރުތައް ކުރަމުން ނުދާއިރު، މި ދަނޑިވަޅުގައި ގޭމުން ވަކިވުން ނޫން އެހެން ގޮތެއް ނެތުނީ ކަމަށް ސޯދިގީ ވިދާޅުވިއެވެ.

އުމުރުން 23 އަހަރުގެ ހުދާދާދީ މީގެ ކުރިން ބުނެފައި ވަނީ، އަފްގާނިސްތާނު ތަމްސީލު ކުރަން ދާ ފުރަތަމަ އަންހެން އެތުލީޓުގެ ޝަރަފު އޭނާއަށް ލިބޭތީ އިންތިހާއަށް އުފާ ކުރާ ކަމަށެވެ. އުމުރުން 24 އަހަރުގެ ރަސލީ ވަނީ، ޓޯކިޔޯގައި ގައުމު ތަމްސީލު ކުރުމަކީ އޭނާގެ ހުވަފަނެއް ކަމަށް ބުނެފައެވެ.

ސޯދިގީ ވިދާޅުވީ ހުދާދާދީއަކީ އަންހެން އެތުލީޓުންނަށް، ވަކިން ހާއްސަކޮށް ޕެރަލިމްޕިކް އެތުލީޓުންނަށް ނަމޫނާއެއް ކަމުގައި ހެދުމުގެ އަޒުމު އޮތް ކަމަށާ، ނަމަވެސް މިއަދު ތިބެން ޖެހިފައި ވަނީ 20-50 އަހަރު ފަހަތަށް އެޅި ފިޔަވަޅެއްގައި ކަމަށެވެ.