އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ މިލްކިއްޔާތަކަށް ހެދުމަށް އެގައުމުގެ ގުޅިފައިވާ އާ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުން ކުރިއަށް ގެންދިއުމުގެ ނަތީޖާ ހިތިވާނެ ކަމުގެ އިންޒާރު، މިސްރު، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އުރުދުންގެ ހާރިޖީ ވަޒީރުން، އިސްރާއީލަށް ދެއްވައިފިއެވެ.

މިހާރުވެސް ގަވައިދާ ހިލާފަށް ޔަހޫދީން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ހުޅަނގު އައްސޭރީގެ ބިންތަކާ، އުރުދުން ވާދީގެ ސަރަހައްދު، އިސްރާއީލުގެ މިލްކިއްޔާތަކަށް ހެދުމުގެ މަސައްކަތް ޖުލައި 1 ވަނަ ދުވަހު ފަށާނެ ކަމަށް އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫގެ ސަރުކާރުން އޮތީ ދީފައެވެ. މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން ހިންގަވާ މަޝްރޫއިންވެސް ވަނީ ނަތަންޔާހޫގެ މި ނިންމުމަށް ތާއީދު ކޮށްފައެވެ.

ފަލަސްޠީނުގެ އުރުދުން ވާދީގެ ދަނޑުބިމެއް/ފޮޓޯ: އަރްވާ އިބްރާހީމް

ބިންތައް ހިސޯރު ކުރުމާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރުން ޖުލައި 1 ވަނަ ދުވަހު ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުންނާ، އިސްރާއީލުގެ ސަލާމަތޯ އޮފިޝަލުންނާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާކަން އޮތީ ހާމަކޮށްފައެވެ.

ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި ވީޑިއޯ ކޮންފަރެންސްއަކަށްފަހު އާންމުކުރެއްވި ގުޅިފައިވާ ބަޔާނުގައި ވާ ގޮތުން، އިސްރާއީލުން ހިންގާނެ ކަމަށް އިއުލާންކޮށްފައިވާ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ސުލްހައިގެ މަޝްރޫއުގެ އެންމެ އަސާސީ ބިންގަލާވެސް ހިލާފު ރޫހެއްގެ އަމަލެއްކަމަށް އެ ބަޔާނުގައިވެއެވެ.

1967 ވަނަ އަހަރު 2 ފަރާތުން ބަލައިގަތް ސަރަހައްދީ އިމަށް، އެ 2 ފަރާތުން ރުހުން ނެތް ގޮތެއްގައި ބަދަލު ގެނައުމަކީ ރުހެވޭނެ ކަމެއް ނޫންކަމަށް ހާރިޖީ ވަޒީރުން ވަނީ ވިދާޅުވެފައެވެ. މިފަދަ ފިޔަވަޅެއް އެޅުން ވެގެންދާނީ ސަރަހައްދީ ހަމަނުޖެހުންގަނޑެއްގެ އުފައްދަނިވި ކަމަކަށް ކަމަށާ، މިއީ ސުލްހަ ހާސިލު ކުރުމަށް އެޅިގެންދާނެ ހުރަހެއް ކަމަށްވެސް، މިސްރު، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އުރުދުންގެ ހާރިޖީ ވަޒީރުންގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލާ ދެކޮޅަށް ގައްޒާގައި ކުރާ ސިލްސިލާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އިބްރާހީމް އަބޫ މުސްތޮފާ

އިސްރާއީލުން އަޅާ މިފަދަ ފިޔަވަޅެއްގެ ސަބަބުން، އިސްރާއީލާ އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށްވެސް ނޭދެވޭ އަސަރުތަކެއް ފޯރަފާނެ ކަމުގެ އިންޒާރުވެސް، މިސްރު، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އުރުދުންގެ ހާރިޖީ ވަޒީރުން ވަނީ ދެއްވާފައެވެ.

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ނަމަވެސް، ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުން މިފަދަ އާބާދުތައް ކުރަމުންދިޔަ މިންވަރު ވަނީ 50 ޕަސެންޓް އިތުރުވެފައެވެ.