ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން 2 ވަނައަށް އެންމެ ބޮޑު ވެފައިވާ ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ، އެ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.
ބޮލްސޮނާރޯ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އަލާމާތްތަކެއް ފެނިވަޑައިގެން، ހޯމަ ދުވަހު ކުރެއްވި ޓެސްޓުގައެވެ. ބޮލްސޮނާރޯގެ ހަށިކޮޅުން ގަދަ ހުމެއްގެ އަލާމާތްތައް ފެންނަމުން ދިޔަ ކަމަށް ޚަބަރު ލިބެއެވެ. މިއީ ބޮލްސޮނާރޯ ކޮވިޑް-19އަށް ޓެސްޓު ކުރެއްވި 4 ވަނަ ފަހަރެވެ. ނަމަވެސް ބޮލްސޮނާރޯ ވަނީ މީގެ ކުރީ 3 ޓެސްޓެއްވެސް ނެގެޓިވް ކަމަށް ވިދާޅުވެފައެވެ.
ބޮލްސޮނާރޯއަކީ، ކޮވިޑް-19އަކީ އެހާ ނުރައްކާތެރި ބަލިމަޑުކަމެއް ނޫން ކަމަށާ، އެއީ އާދައިގެ 'ކުޑަ ރޯގާއެއް' ކަމަށް ވިދާޅުވެ އެންމެ ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދެވި ލީޑަރެކެވެ. އަދި ކޮވިޑް-19ގެ ސަބަބުން އޭނާއަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށްވެސް ބޮލްސޮނާރޯ ވަނީ ވިދާޅުވެފައެވެ.
ބޮލްސޯނާރޯ ގެންދަވަނީ ކޮވިޑް-19އާ ގުޅިގެން އެކި ސަރަހައްދުތަކުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކަށް ލުއި ދިނުމަށްވެސް ވަކާލާތު ކުރައްވަމުންނެވެ. ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި އެ ލޮކްޑައުންގެ ސަބަބުން އިގުތިސޯދަށް ނޭދެވޭ އަސަރު ކުރެއެވެ. މީގެ އިތުރުން ބޮލްސޮނާރޯއަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މާސްކާވެސް ދެކޮޅު ލީޑަރެކެވެ.
ސަރަހައްދީ ފެންވަރުގައި އެކުލަވާލާފައިވާ ގަވައިދުތަކާ ހިލާފަށް، އާންމު އިވެންޓުތަކުގައި ބޮލްސޮނާރޯ ބައިވެރިވެވަޑައިގަންނަވަނީ މާސްކަކާ ނުލާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބްރެޒިލްގެ ހާރިޖި ވަޒީރު ވަނީ ބޮލްސޮނާރޯއާއިއެކު ހުރި ފޮޓޯއެއް އާދީއްތަ ދުވަހު ހިއްސާކުރައްވާފައެވެ. އެއީ އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ދިޔަ އިވެންޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. ބްރެޒިލްގައި ހުންނަ އެމެރިކާގެ އެމްބަސީގައި ކުރިއަށްދިޔަ އިވެންޓްގައި ބޮލްސޮނާރޯ ފެނިފައިވަނީ މާސްކަކާ ނުލައެވެ. އަދި ޖިސްމާނީ ގައިދުރުކަން ދަމަހައްޓަވާތީވެސް ނުފެނެއެވެ.
ބްރެޒިލްގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ވަނީ ޖުލައި 4 ވަނަ ދުވަހު، ބޮލްސޮނާރޯއާއެކު މެންދުރުގެ ފަރީއްކޮޅަކަށް އިންސާފު ކުރައްވާފައެވެ. އެމްބެސެޑަރުގެ ހަށިކޮޅުން ބަލީގެ އެއްވެސް އަލާމަތެއް އަދި ނުފެނު ކަމުގައި ވީ ނަމަވެސް، އޭނާވެސް ކޮވިޑް-19އަށް ޓެސްޓު ކުރައްވާނެކަން ވަނީ ހާމަ ކުރައްވާފައެވެ.
ބްރެޒިލްގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި މި ބަލީގައި 65631 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.