"ރައީސް ކަމަށް" ވާދަ ކުރާނެ ކަމަށް، އެމެރިކާގެ މަޝްހޫރު މިއުޒީޝަން ކާންޏޭ ވެސްޓް ހާމަ ކުރުމާއެކު ޓްވިޓާ ގުގުމާލައިފިއެވެ.

އެމެރިކާގެ ތަސައްވުރާ މެދު ވިސްނާކަން ބަޔާންކޮށް، އެމެރިކާގެ ރައީސް ކަމުގެ މަގާމަށް އޭނާ ވާދަ ކުރާނެ ކަމަށް ބުނެ ކާންޏޭ ކުރި ޓްވީޓްއަކީ ހަމަ ހަގީގަތުގައިވެސް ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ މާނާގައި އޭނާ ކުރި ޓްވީޓެއް ކަމެއް ނުވަތަ ޕަބްލިސިޓީ ސްޓަންޓެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މަޝްހޫރު ރެޕާ ކާންޏޭ ވެސްޓް / ފޮޓޯ: ހައިޕްބީސްޓް

މިއީ ސީރިއަސް ވާހަކައެއް ނަމަ، ކުރިއަށް އޮތީ ކާންޏޭއަށް ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ. އެހެނީ އިންތިހާބީ އަހަރެއްގެ މެދަކާ ހިސާބުން ކެންޑިޑަސީ އިއުލާން ކުރާ މީހަކު ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުންނާނެތީއެވެ. މީގެ އިތުރުން އިދާރީ ގޮތުންވެސް އޭނާ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރެއެވެ. އެގޮތުން، ސީޔާސީ ޕާޓީއެއްގެ ނުފޫޒާ ނުލާ މިނިވަން ސިޔާސީ އޯގަނައިޒޭޝަނެއް އުފެއްދުމަށް ކާންޏޭއަށް ލާޒިމުވާނެއެވެ. އަދި ކެމްޕޭނެއް ފަށަން މަޖުބޫރުވާނެއެވެ. މި ހުރިހާ ކަމަކީވެސް ހަމަ ސުމަކުން ފަށަންޖެހޭ ކަންކަމެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެދި، އެ ގައުމުގެ އިންތިހާބުތަކާ ކޮމިޝަނަށް ހުށަހަޅަންޖެހޭ އެއްވެސް ފޯމެއް ކާންޏޭ އަދި ހުށަހަޅާފައެއް ނުވެއެވެ.

ނަމަވެސް ކާންޏޭއަކީ ވެރިކަމުން ފެނިގެންދާނެ މީހެއް ކަމުގެ އިޝާރާތްތަކެއް ފާއިތުވީ އަހަރުތަކަށް ނަޒަރު ހިންގާއިރު ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ، 2024 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ވާދަ ކުރާނެ ކަމަށް ބުނެފައެވެ. ކަންމިހެން އޮތްއިރު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ މަޝްހޫރު ރިއާލިޓި ތަރި އަދި ކާންޏޭގެ ހަޔާތުގެ ބައިވެރިޔާ، ކިމް ކާޑޭޝަންއަކީ ތަފާތު އެކި މަޝްރޫއުތަކުގައި، އެމެރިކާގެ ރައީސް ޑޮނާލް ޓްރަމްޕާ ވަރަށް ގާތުން މަސައްކަތްކުރި މީހެއް ކަމެވެ.

ކާންޏޭގެ ރައީސް ކަމުގެ މަގާމުން ފެނިދާތޯ ކުރެވޭ އެމެރިކާގެ ފަސްޓް ލޭޑީ ކަމުގެ މަގާމުން ކިމް-ކޭ ފެނިދާނެ ކަމުގެ ސުވާލު މާކުވެސް ޖެހެއެވެ.