ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިހާނެތި ގޮތަކަށް ގަތުލުކުރި ސައުދީ އަރަބިއްޔާގެ ތަޖުރިބަކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ ތަހުގީގު، ތުރުކީވިލާތުން ފަށައިފިއެވެ.

ޚަޝޯގީގެ މަރާ ގުޅިގެން ތުރުކީވިލާތުން ޝަރިޔަތް ފަށަފައިވަނީ ސައުދީ އަރަބިއްޔާގެ 20 ރައްޔިތަކާ ދެކޮޅަށެވެ.

ޣައިރު ހާޒިރުގައި ތަހުގީގު ކުރިއަށް ގެންދާ 20 މީހުންގެ ތެރޭގައި، ސައުދީގެ ނުފޫޒު ގަދަ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ގެ އަރިސް އޮފިޝަލުންތަކެއްވެސް ހިމެނެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ އަމަލުގައި ބައިވެރިވި ޑެތްސްކޮޑުން ތުރުކީވިލާތުގެ އެއާޕޯޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ޚަޝޯގީގެ ގަތުލާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ ސިއްރު ޝަރިޔަތްތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިއީ ފުރިހަމަ ތަހުގީގެއް ނޫން ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ސައުދީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކުރަމުންނެވެ.

ޚަޝޯގީގެ މަރާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އެމްބީއެސްގެ އަބުރު ކިލަނބުވެފައިވާއިރު، ތުރުކީވިލާތުން ފެށި ޝަރިޔަތަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ގޮވާލުންތަކާއެކު ފެށި ޝަރިޔަތެކެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ދަރިފުޅު ސަލާހް ޚަޝޯގީ (ވ) ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ/ފޮޓޯ: އެންބީސީ ނިއުސް

ޚަޝޯގީގެ ގާތިލުންނަށް މައާދު ދީފައި ވާކަމަށް އޭނާގެ އާއިލާއިން ހާމަކުރީ މި އަހަރުގެ މެއި މަހުއެވެ. ޚަޝޯގީގެ އާއިލާއިން ގާތިލުންނަށް މައާފު ދިންކަން ހާމަކުރީ އޭނާގެ ފިރިހެން ދަރިފުޅު ސޮލާހް ޚަޝޯގީ ކުރި ޓްވީޓްއެއްގައެވެ. މައާފު ދިނުމަށް އިސްލާމް ދީނުގައި ދެވިފައިވާ ހާއްސަ ގަދަރުގެ ހަނދާން އާކޮށް، ސޮލާހް ޚަޝޯގީ ކުރި ޓްވީޓްގައި ބުނެފައިވަނީ ޝަހީދު ޖަމާލް ޚަޝޯގީގެ ގާތިލުންނަށް އޭނާގެ ފިރިހެން ދަރިން މައާފު ދީފައިވާކަމަށާ، މިކަން ކުރީ މާތް ﷲގެ ހަޟްރަތުން ހެޔޮ ގޮތް ވުން އެދިގެންކަމަށެވެ.

މިއާއެކު ދެން އިވެގެން ދިޔައީ، ޚަޝޯގީގެ ގާތިލުންނަށް މައާފު ދިނުމުގެ ހައްގަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫންކަމަށް، އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް ބުނި އަޑެވެ.

ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް ޚަޝޯގީ މަރާލާފައިވަނީ، ޚަދީޖާއާއި ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި އެ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. ޚަޝޯގީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ ކޮންސިއުލޭޓަށް ވަންނިކޮށެވެ. ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީވެސް ޚަދީޖާއާއިއެކުގައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ޚަޝޯގީ، ޚަދީޖާ ބެހެއްޓީ ކޮންސިއުލޭޓްގެ ބޭރުގައެވެ.

ސައުދީ ކޮންސިއުލޭޓަށް ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާ ޚަދީޖާ ޖެންގީޒް (ކ)އާއި ކައިވެނި ކުރުމަށް ހަމަޖައްސަންޖެހޭ ބައެއްކަންކަމާ ގުޅިގެން/ފޮޓޯ: ޑެއިލީ ސްޓާ

ޚަދީޖާ ބުނާ ގޮތުގައި، ޚަޝޯގީއަކީ މިއަދު އެތައް ބަޔަކު ލޯބިވާ، ބައިނަލްއަގުވާމީ ރަމްޒެކެވެ. އަދި އިހާނެތި ގޮތަކަށް އޭނާ މަރާލާފައިވާއިރު ކަމަށް މައާފު ދިނުމުގެ ހައްގެއް އެއްވެސް މީހަކަށް ނެތް ކަމަށެވެ. ޚަޝޯގީއަށް އިންސާފު ނުލެބެނީސް އޭނާގެ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ޚަދީޖާ ވަނީ ބުނެފައެވެ.

ޚަޝޯގީގެ މަރުގެ މައްސަލާގައި ސައުދީއިން ވަނީ 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކަކަށްފަހު ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، މިކަމުގައި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)ގެ އަތެއް ނުވާކަމަށްވެސް ސައުދީއިން ވަނީ ކަނޑައަޅާފައެވެ.