ދަނޑިއަލުވި ބޯކިބަލަކީ ގިނަ ދިވެހިންނަަށް ވަރަށް ކަމުދާ އެއްޗެކެވެ.

ދަނޑިއަލުވީގައި ބޯކިބާގެ ބަދަލުގައި ކޭކްވެސް އެޅިދާނެއެވެ. ދަނޑިއަލުވި ކޭކް އެޅުމަށް ވެސް ތަފާތު ރެސިޕީ ބޭނުން ކުރެއެވެ. މިއަދުގެ ރެސިޕީގައި މި ހިމަނާލަނީ ދަނޑިއަލުވި ކޭކް އެޅިދާނެ ގޮތުގެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ހަކުރު
  • 6 ބިސް
  • 1 ޖޯޑު ބަޓާ
  • 1 މޭޒުމަތީ ސަމްސަލުގެ ފޯޑަރު
  • 1 ޖޯޑު ދަނޑިއަލުވި
  • 1 ސައިސަމްސާ އެސެންސް
  • 1/2 ޖޯޑުގެ ހުނި (އުނޑޮލި ނަގާފަ ހިމުންކޮށް މުގުރާފަ) "ހުނި ބޭނުން ކުރާނީ ބޭނުން ނަމަ"
  • 2 ސައިސްމަސާ ކިރު (ހިކިކިރު)
  • 1/2 ލާހި ފުށް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަޓަރާއި ހަކުރު އެއްކޮށް އޮމާންވާވަރަށް ގިރާލާށެވެ. އޭގެ ތެރެއަށް ފުށާއި ފޯޑަރާއި ކިރާ އެއްކޮށްލާށެވެ.

ވަކި ތަށްޓަކަށް ބިސް ތަޅާ ގިރާލާށެވެ. އެއަށްފަހު ބިހުގެ އެތި ކޮޅަކުން ފުށުގެ ތެރެއަށް އަޅާ ގިރާލާށެވެ. އެއްކޮށް ބިސް އަޅާ، ގިރި އޮމާން ވުމުން ދަނޑިއަލުވި ކޮޅާއި އެސެންސް އެއްކޮށްލާ ފުށްގަނޑު ގިރާލާށެވެ.

ރަނގަޅަށް އެއްވުމުން ޓްރޭގައި ބޭކިން ޕޭޕާ ލުމަށްފަހު ފުށްގަނޑު ޓްރޭއަށް އަޅާ އަވަނުން ފިހެލާށެވެ. ފިހެވުމުން ޓްރޭން ނަގާ ހޫނުކޮށް ހުއްޓާ ކޭކުގެ ބޭރުގައި ހުނި، ރަނގަޅަށް ކޭކް ފޮރުވޭވަރަށް ހާކާލާށެވެ. (ހުނި ބޭނުން ކުރާނީ ބޭނުން ނަމައެވެ.)

ބޭނުން ނަމަ ކެއުމުގެ ކުރިން ފިނިކޮށްލާށެވެ.