ބަނބުކޭލަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކާނާއަކަށް ވާއިރު، މިހާރު މި ވަނީ ޒަމާނަށް އައި ބަދަލާއެކު ބަނބުކޭލުން ތައްޔާރުކުރާ ބާވަތްތަށްވެސް އިތުރު ވެފައެވެ. ތަފާތުވެސް ވެފައެވެ.
ބަނބުކެޔޮ ޕައިގެ މި ރެސިޕީއަކީ މަދުވެގެން 4 މީހުންނަށް ކެވޭ ވަރަށް ތައްޔާރު ކުރެވޭނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- ބަނބުކޭލެއްގެ 1/2 (ތޮށި މަށާފަ ކަަށްކާފަ)
- 2 ލޮނުމެދު (ގާނާފަ)
- 2 ދަޅުމަސް
- 1 ސައިސަމްސަލުގެ އަސޭމިރުސް
- 1 ސައިސަމްސަލުގެ ދިރި
- 1 ފިޔާ
- 2/1 އިންޗް އިނގުރު (ގާނާފައި)
- 1 ގިތެޔޮ މިރުސް
- ހިކަނދިފަތް (ކޮށާފަ)
- ލުނބޮލެއްގެ 1/2
- ލޮނު (ރަހަލާވަރަށް)
- ބަޓާ
- 2 ބިސް
ތައްޔާރުކުރާނެ ގޮތް:
ކަށްކާފައި ހުރި ބަނބުކެޔޮކޮޅު ތަށްޓެއްގައި ބަހައްޓައިގެން ސަމްސަލަކުން ޗަސްކޮށްލާށެވެ.
ފިޔާ އާއި މިރުހާއި ލޮނުމެދާއި އިނގުރާއި ހިކަނދިފަތް، ކުޑަ ލޮނުކޮޅެއް ލައިގެން މޮޑެލާށެވެ. ފިޔާކޮޅު ރަނގަޅަށް ވަޅޯވަންދެން މޮޑެލުމަށްފަހު އަސޭ މިރުހާއި ދިރި އާއި މިރުސް އަދި ލުނބޯ ލައިގެން މޮޑެލަށެވެ. ރަނގަޅަށް މޮޑެވުމުން މަސް އަޅައިގެންވެސް މޮޑެލުމަށް ފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. އޭގެ ތެރެއަށް ބިސްލާ މޮޑެލާށެވެ.
ޓްރޭއެއްގައި ބަޓާ ހޭކުމަށްފަހު ތައްޔާރުކުރި މަސްގަނޑުގެ 1/2 އަޅާށެވެ. ޓަރޭ އެއްކޮށް ފޮރުވޭނެ ވަރަށް ފަތުރާލާށެވެ. އަދި ފެނު ކެއްކި ބަނބުކެޔޮ ކޮޅުގެވެސް 1/2 އަޅާ މަސްގަނޑުގެ މަތީގައި ފަތުރާލާށެވެ. ބާކީ ހުރި މަސްގަނޑު އިތުރު ލޭޔާއެއް ގޮތަށް ފަތުރާލާށެވެ. އަދި ހަމަ ކުރިން ހެދި ގޮތަށް ބާކީ ހުރި ބަނބުކެޔޮކޮޅުވެސް މަސްގަނޑުގެ 2 ވަނަ ލޭޔާގެ މަތީގައި ފަތުރާލާށެވެ.
އަވަން 350 ޑިގްރީގައި ޖެއްސުމަށްފަހު އަވަން ހޫނުކޮށްލާށެވެ. އެއަށްފަހު ޓްރޭ އަވަނަށްލާ 30 މިނެޓް ވަންދެން ފިހެލާށެވެ. ފިހެވި ހޫނުކަން ކެނޑުމުން ފޮއްޗަށް ކަފާލުމަށްފަހު ކެއުމަށް ސުފުރާ މައްޗަށް ނަގާށެވެ.