ޑިންގް ޑޮންގް ކޭކަކީ ޗޮކްލެޓް ކޭކާ ދާދި އެއްގޮތަކަށް އަޅާ ކޭކެކެވެ. ނަމަވެސް ކޭކްގެ ރަހަ ތަފާތު ވަނީ މެދުގައި އޮންނަ ކްރީމް ލޭޔާއިންނާއި މަތީގައި އޮންނަ ޗޮކްލެޓް ލޭޔާއިންނެވެ.

މިއީ ޗޮކްލެޓް ކޭކް މީރު ފަރާތްތަކަށް ކަމުދާނެ އަދި ހަދާލަން ފަސޭހަ ރެސިޕީ އަކަށް ވާނެއެވެ.

ކޭކަށް ބޭނުންވާ ތަކެތި:

  • 3 ޖޯޑު ފުށް
  • 2 ޖޯޑު ހަކުރު
  • 6 މޭޒުމަތީ ސަމްސަލުގެ ކޮކޯ ޕައުޑާ
  • 2 ސައިސަމްސަލުގެ ބޭކިން ސޯޑާ
  • 1 ސައިސަމްސަލުގެ ލޮނު
  • 2 ޖޯޑު ހޫނު ފެން
  • 3/4 ޖޯޑުގެ ތެޔޮ
  • 2 މޭޒުމަތީ ސަމްސަލުގެ ވިނިގާ
  • 1 ސައިސަމްސަލުގެ ވެނީލާ އެސެންސް

ކޭކްގެ ކްރީމްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • 2 ޖޯޑު އައިސިން ޝުގާ
  • 1/2 ޖޯޑުގެ ސޮލިޑް ވެޖްޓެބަލް ޝޯޓެނިންގް
  • 1/4 ޖޯޑުގެ ބަޓާ (ދިޔާކޮށްފަ)
  • 1، 1/2 މޭޒުމަތީ ސަމްސަލުގެ ފެން
  • 1/2 ސައިސަމްސަލުގެ ވަނީލާ އެސެންސް
  • 1 މޭޒުމަތީ ސަމްސަލުގެ މެރިންގޫ ޕައުޑާ

ޗޮކްލެޓް ލޭޔާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

  • 2 ޖޯޑުގެ ޗޮކްލެޓް ޗިޕްސް
  • 1، 1/2 ޖޯޑުގެ ހެވީ ކްރީމް
  • 2 މޭޒުމަތީ ސަމްސަލުގެ ކޯން ސިރަޕް

ކޭކް ތައްޔާރުކުރާނެ ގޮތް:

ބޯތަށްޓަކަށް ފުށައި ހަކުރު ކޮކޯ ޕައުޑާ އާއި ބޭކިން ސޯޑާ އާއި ލޮނު އަޅާ އެއްކޮށްލާށެވެ. އެއްކުރުމަށް ސަމްސަލެއް ބޭނުން ކުރާށެވެ. އޭގެ ތެރެއަށް ފެން، ތެޔޮ، ވިނިގާ، އެސެންސް އަޅާ ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ.) އެއަށް ފަހު 2 ޓެރޭގައި ތެޔޮކޮޅެއް ހާކާ ބޭކިން ޕޭޕާ ލުމަށްފަހު 2 ޓްރޭއަށް އެއްވަރަށް ގިރި ފުށްގަނޑު އަޅާށެވެ. 30 މިނެޓްވެންދެން އަވަނަށްލާ ފިހެލާށެވެ. ރަނގަޅަށް ކޭކް ފިހެވުމުން 10 މިނެޓް ވަންދެން ބާއްވާލުމަށްފަހު އެއްކޮށް ހޫނުކަން ނުކެނޑެނީސް ނަގާ ތަށްޓަކަށްލާށެވެ.

ޑިންގް ޑޮންގް ކޭކް ތައްޔާރުކުރާނެ ގޮތް

ކޭކްގެ ކްރީމްގަނޑު ތައްޔާރު ކުރާނެ ގޮތް:

ބޯތައްތަކަށް 1 ޖޯޑައި 1/2 ޖޯޑުގެ އައިސިން ޝުގާ އާއި ސޮލިޑް ވެޖްޓަބަލް ޝޯޓެނިންގް އާއި ބަޓާ (ދިޔާކޮށްފަ) އެޅުމަށްފަހު ގިރާލާށެވެ. (ގިރުމަށް ހޭންޑް މިކްސްޗާއެއް ނުވަތަ ކަރަންޓް ހޭންޑް މިކްސްޗާއެއް ބޭނުންކުރާށެވެ.) ރަނގަޅަށް އޮމާންވެ ވިޕް ވަންދެން ގިރާލާށެވެ.

ވަކި ބޯތަށްޓަކަށް 1/2 ޖޯޑުގެ އައިސިން ޝުގާ އާއި މެރިންގޫ ޕައުޑާ އާއި ވަނީލާ އެސެންސާއި ފެން އެޅުމަށް ފަހު އެއްކޮށްލާށެވެ. (އެއްކުރުމަށް އުލެއް ބޭނުން ކުރާށެވެ.)

ކުރިން ތައްޔާރުކުރި ކްރީމްގެ ތެރެއަށް ފަހުން ތައްޔާރުކުރި ބޯތަށި އޮއްސާލައި މިކްޗަރުން 5 މިނެޓް ވަންދެން ގިރާލާށެވެ. އަދި ފިހުނު ކޭކްގެ ތެރެއިން އެއް ކޭގެ މަތީގައި ކްރީމް ލޭޔާ ފަތުރާލާށެވެ. 1 އިންޗިއާއި ބައި ހުންނަވަރަށް ކްރީމް ލޭޔާ އެޅުމަށް ފަހު ދެވަނަ ކޭކް އޭގެ މަތީގައި ބާއްވާލާށެވެ.

ކޭކްގެ ކްރީމްގަނޑު ތައްޔާރު ކުރާނެ ގޮތާއި އެއަށްފަހު ކަންތަށް ކުރާނެ ގޮތް

ޗޮކްލެޓް ލޭޔާ ތައްޔާރުކުރާނެ ގޮތް:

ބޯތައްޓަކަށް ހެވީ ކްރީމާއި ޗޮކްލެޓް ޗިޕްސް އާއި ކޯން ސިރަޕް އަޅާ މައިކްރޯވޭވް އަވަންގައި 30 ސިކުންތު ވަންދެން ހޫނު ކޮށްލާށެވެ. (ބޭނުން ނަމަ އުނދުގައި ފޮނި ކާއެއްޗެހި ހެދުމަށް ބޭނުން ކުރާ ތެއްޔެއްގައިވެސް ހޫނު ކޮށްލެވިދާނެއެވެ.) ހުރިހާއެއްޗެއް ހޫނުވުމުން ދޭފަތަކުން އެއްކޮށްލާށެވެ. އޮމާން ވެންދެން އެއްކޮށްލާށެވެ.

އެއްކޮށް ޗޮކްލެޓް ކްރީމް ތައްޔަރުވުމުން ކުރިން ތައްޔާރުކުރި ކޭކްގެ މަތީގައި ކޭކް އެއްކޮށް ފޮރުވޭނެހެން އެއް ލޭޔާ އަޅާލާށެވެ. އަދި 15 މިނެޓް ބެހެއްޓުމަށް ފަހު އިތުރު ލޭޔާއެއް ހަމަ ކުރިން އެޅި ގޮތަށް އަޅާށެވެ. މި ގޮތަށް 3 ލޭޔާ އަޅާށެވެ.

ޗޮކްލެޓް ލޭޔާ ތައްޔާރުކުރާނެ ގޮތް

އެންމެ ފަހު ޗޮކްލެޓް ލޭޔާ އަޅާ 10 މިނެޓް ވުމުން ކޭކްގެ މަތި އެއްވަރު ކޮށްލުމަށް ޓިޝޫއެއް ބޭނުން ކޮށްލާށެވެ. ކެއުމަށް ބޭނުން ކުރުމުގެ ކުރިން ފްރިޖް އަށްލާ ފިނިކޮށްލާށެވެ.