ކަންކުން(kangkong) އަކީ ފަތްޕިލާވެލީގެ ބާވަތެކެވެ. މިއީ ދިވެހިން ކާން ބޭނުންކުރާ ފަތެކެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި ކަންކުން ފަތަށް ތަފާތު ނަންނަމުން ކިޔައި އުޅެއެވެ. ކަންކުން އަކީ ފެނުގައި ވެސް ހެދޭ އެއްޗެކެވެ. އަދި ބިމުގައި ހައްދާނަމަ އާންމުކޮށް ހައްދަނީ ތެތް ވެލި ހުންނަ ހިސާބުތަކުގައެވެ. ކަންކުން ފަތަކީ ބަތާއެކު ކެއުމަށް އަދި، ހެދިކާގެ އިތުރުން ރިހަވެސް ކައްކާ އުޅޭ ފަތެކެވެ.
ކަންކުން ކަވާބަކީ ހެދިކާގެ ގޮތުގައި މި ރޯދަމަހު ހަދާލަން ފަސޭހަ އަނގައަށް މީރު ހެދިކާއަކަށް ވާނެއެވެ.
ބޭނުންވާ ތަކެތި:
- 500 ގުރާމުގެ ކަންކުން ފަތް (ކޮށާފަ)
- 2 ގަނޑު ވަޅޯމަސް (ތުނިކޮށް ކޮށާފައި)
- 1 ކާށީގެ ހުނި
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- ހިކަނދިފަތް (ހިމުންކޮށް ކޮށާފައި)
- 1 ލުނބޯގެ ހުތް
- 1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
- ރަހަލާވަރަށް ލޮނު
- 1 ލާހި ފުއް
- 1 ސައިސަމްސަލުގެ އަސޭމިރުސް
- 1 ބިސް
ތައްޔާރުކުރާނެ ގޮތް:
ފިޔާ، މިރުސް، ލުނބޯހުތް، އަސޭމިރުސް، ހިކަނދިފަތް އަދި ލޮނު އެއްކޮށްލުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. ދެން ހުނި އެއްކުރުމަށް ފަހު އޭގެ ތެރެއަށް މަސްކޮޅު އަޅައި އެއްކޮށްލާށެވެ. އަދި އެއަށް ފަހު ފުއް އަޅާ ރަނގަޅަށް ހުރިހާ އެއްޗެއް އެއްވާނެހެން މޮޑެލާށެވެ.
އަދި އެއަށް ފަހު ކޮށާފައިވާ ކަންކުން އެއްކޮށްލާފައި މޮޑެލާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ. އަދި ކުދިކޮށް ގުޅަ ހަދާށެވެ.
ގުޅަހެދުމަށްފަހު އަތުން ކުޑަކޮށް ފަތާކޮށްލާ، ދެފަރާތުގައި ބިސްލާ ތަވައެއްގައި ފިހެލާށެވެ. ބޭނުންނަމަ އަވަނުގައިވެސް ފިހެވިދާނެއެވެ.
ކަންކުން ކަވާބު ތައްޔާރު ވުމުން ސުފުރާ މައްޗައް ނަގަން ވީއެވެ.