ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 ގެ ސަބަބުން މެލޭޝިޔާ ސަރުކާރުން މިވަނީ އެގައުމުގައި އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން ނިންމާފައެވެ. މި ގޮތުން ބަލިފެތުރުން ހުއްޓުވުމަށް ޢާއްމުން މަގުތަކުގެ މައްޗަށް ނިކުމެ އުޅުން މަނާ ކުރާ ޢަމުރު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ތަންފީޒުކުރުމަށް ނިންމާފައވާކަން ސަރުކާރުން މިވަނީ އިއުލާނުކޮށްފައެވެ.

މިއާއެކު މެލޭޝިޔާގައި ކިޔަވަން ގޮސް ތިބި ގިނަ ދިވެހި ކުދިން ކުރަމުން ދިޔަ އާދޭހުގެ އަޑު ގަދަވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއް ކުދިން މިވަނީ 'ދަ ޕްރެސް' އާ އެކުދިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

މެލޭޝިޔާގައި ސައިކޮލަޖީގެ ރޮނގުން ޑްގްރީއަށް ކިޔަވަމުންދާ އައިޝަތު ބުނީ އޭނާއާ އޭނާގެ ރައްޓެހިންނަށް މިހާލަތުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އައިޝަތު ބުނީ ޢާއްމު ދިރުއުޅުމަށް ބޭނުންވާ އެންމެ ޒަރޫރީ އެއްޗެހި ހޯދުމަށް ވެސް ދަތިވެފައިވާ ކަމަށެވެ. އަދި ކުރިއަށް ރަމަޟާން މަސް އޮތް އިރު ބޭނުންވާ ކާބޯތަކެތި ނުލިބިދާނެ ބިރު ވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ. އައިޝަތު ބުނީ މެލޭޝިޔާގައި ތަންފީޒުކުރަމުންދާ ޢަމުރުގެ ސަބަބުން ޢާއްމު ދަތުރުފަތުރު ކުރާ އުޅަނދުތަކުގެ ޚިދުމަތްތައް ކަނޑާލާފައިވާ އިރު މޯލްތަކާ ޝޮޕިންގް ސެންޓަރު ތަކަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި އެތަންތަނަށް ނުގޮސް އޭ.ޓީ.އެމްއިން ލާރި ނެގޭނެ ގޮތެއް ވެސް ނެތް ކަމަށާ އަތުގައި ލާރި ނެތި އެހެން ގޮތްގޮތަށް ވެސް ދަތުރުފަތުރު ނުކުރެވޭނެ ކަމަށެވެ.

އޭނާ ބުނީ މި ހާލަތުގައި ދިމާވެފައިވާ އެކި އެކި މައްސަލަތައް މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އައިޝަތު ބުނީ ހައިކޮމިޝަނުން ދިނީ އޮންލައިންކޮށް ކާބޯތަކެތި ގަނެ ހެދޭނެ ފަދަ ލިންކެއް ކަމަށާ މިސައިޓުން ބުނާ ގޮތުން އެންމެ އަވަހަށް ވެސް ކާބޯތަކެތި ފޯރުކޮށްދެވޭނީ ތިން ހަފްތާ ފަހުން ކަމަށެވެ.

ބިސް، އެއްގަމު މަސް ފަދަ ތަކެތި ހޯދުމަށް ވަނީ އުނދަގޫ ވެފައި

އައިޝަތު ކިޔާ ދިން ގޮތުގައި ހައިކޮމިޝަނުގެ ފަރާތުން އެދެވޭ ޖަވާބެއް ނުދޭތަނުގައި ކުދިން ކުރާ ފޯނު ކޯލުތަކަށް ޖަވާބު ދިން ހައިކޮމިޝަނުގެ ބައެއް މުވައްޒަފުންގެ ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހުނެވެ. އައިޝަތު ބުނީ އެކޮޅުން ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ވާހަކަ ދައްކާފައިވަނީ ބޭއަދަބީ ބަހުރުވައިން ކަމަށާ މިކަމުގެ ސަބަބުން އިތުރު ކަންބޮޑުވުންތައް ފާޅުކުރަން ފަސް ޖެހެވުނު ކަމަށެވެ.

އެކޮޅުން ބުނީ އަޅުގަނޑުމެން ބޭނުން ވެގެން އުޅެނީ އަނބުރާ މާލޭ ގޮސް ރިސޯޓުގައި ތިބޭށޭ. ކިޔަވާ ކުދިންގެ މިފަދަ ކަންބޮޑުވުންތަކަށް މި ގޮތަށް ޖަވާބު ދީ ލަދު ގަންނަވާލުމުން ދެން ކެރޭނެތަ އަލުން އެހީއަށް އެދެން ވެސް
އައިޝަތު، މެލޭޝިޔާގައި ހުރި ދިވެހި ކިޔަވާ ކުއްޖެއް

ފައިތުވި ދެ އަހަރު މެލޭޝިޔާގައި މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ހައްވައަށް ވެސް ކުރެވިފައިވަނީ ދާދި އެއްގޮތް ތަޖުރިބާތަކެކެވެ. އޭނާ ބުނީ ކާބޯތަކެތި ގަންނަން ފިހާރައަށްދާން ވާ އިރު ޕާން، ބަނަސް ފަދަ ތަކެތި ލިބެން ނުހުންނަ ކަމަށާ ހަނޑޫ ފަދަ ތަކެތިން ވެސް ލިބެން ހުންނަނީ ފަސް ކިލޯ އެއްކޮށް ޕެކްކޮށްފައި ހުންނަ ކުދި ގޯނިކަމަށެވެ.

އަންހެން ކުއްޖަކު އެކަނި ގޮސް ފަސް ކިލޯ ހަނޑޫ ގޯންޏެއް ހިފައިގެން އައުމަކީވާނެ ކަމެއް ނޫން. އެކަމަކު ދެން އެނޫން ގޮތެއް ނެތިގެން ހަނޑޫ ގަންނަނީ. ގޭގައި މިހާރު ހުރީ ވެސް ގާތްގަނޑަކަށް ހަނޑޫ އެކަނި.
ހައްވަ، މެލޭޝިޔާގައި މި ވަގުތު ހުރި ދިވެހި ކިޔަވާ ކުއްޖެ

ނޭވާލާ ނިޒާމުގެ ބައްޔަކަށް ދިގު މުއްދަތަކަށް ފަރުވާ ކުރަމުން އަންނަ ހައްވަ ބުނީ ދާދި ފަހުން އޭނާ ވަރަށް ބަލިވި ކަމަށާ މީގެ ކުރިން ބަލިވުމުން ވެސް ދަނީ އޭނާ ކިޔަވާ ޔުނިވަރސިޓީގައި ހުންނަ ކްލިނިކަށް ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ބަލިވެގެން އެތަނަށް ދިއުމުން، އެތަނުގައި ހުރި ނަރުހުންގެ މީހާ ރުޅިވެރިކަމާއެކު ވާހަކަ ދައްކާ އެތަނުން ދިއުމަށް ޢަމުރުކުރި ކަމަށާ އެތަން މިހާރު ބޭނުން ކުރެވެމުންދަނީ ކޯވިޑް-19 އަށް ފަރުވާދޭ ތަނެއްގެ ގޮތުގައި ކަމަށް ވެސް ހައްވަ ބުންޏެވެ.

ސްކޮލަރޝިޕެއްގައި ކިޔަވަން ގޮސް ހުރި ހައްވަ ބުނީ މާލޭގައި ތިބި އޭނާގެ އާއިލާއިން ކަންބޮޑުވެގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށް ވެސް އެނގި ކަމަށާ އެމިނިސްޓްރީ އިން ބުނީ މިކަމުގައި ފޮރިން މިނިސްޓްރީއަށް ގުޅުމަށް ކަމަށް. އަދި ފޮރިން މިނިސްޓްރީ އިން ވެސް ބުނެފައިވަނީ މެލޭޝިޔާގައި ތިބި ދިވެހި ކުދިން ގެނައުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

މެލޭޝިޔާގައި ތިބި ގިނަ ދިވެހި ދަރިވަރުން ތިބީ ހާސް ކަމެއްގެ ތެރޭގައި

މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި އިތުރު ދެ ކުދިންގެ ވެސް ޝަކުވާ އަކީ މިއެވެ.

'ދަ ޕްރެސް'އަށް މަޢުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވީ، މެލޭޝިޔާގައި ހުންނަ ހައިކޮމިޝަނުން އެގައުމުގައި ތިބި ދިވެހިންގެ ހުރި ކަންބޮޑުވުންތައް ދުރުކުރުމަށް ހުއްޓުމެއް ނެތި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިއުވާން ވިދާޅުވީ، މިހާލަތަކީ ޙާއްސަ ހާލަތެއް ކަމަށާ ދިވެހި ސަރުކާރުން މަސައްކަތްތައް ކުރަމުންދަނީ އެއްވެސް ތަފާތުކުރުމެއް ނެތި ބޭރުގައި ތިބި ދިވެހިންނަށް އެހީވުމަށް ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެތަނުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ކާބޯތަކެތި ފޯރުކޮށްދިން ގޮތަށް މެލޭޝިޔާގައި ނުހެދޭނެތޯ ކުރި ސުވާލުގެ ޖަވާބަށް މިއުވާން ވިދާޅުވީ، ލަންކާއާ ޚިލާފަށް މެލޭޝިޔާގައި ގިނަ ސަރަހައްދުތަކެއްގައި ދިވެހިން އުޅެމުންދާ ކަމަށެވެ. އަދި އެގައުމުގައި ތަންފީޒުކުރަމުން ޢަމުރުގެ ތެރޭގައި މިގޮތަށް ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާ މެލޭޝިޔާގައި ހުންނަ ހައިކޮމިޝަނުން ދަނީ އިތުރު ގޮތްތައް ހޯދަމުން ކަމަށެވެ. އަދި މެލޭޝިޔާގައި ތިބި އެއްވެސް ދިވެއްސެއް ހާލުގައި ޖެހުނަ ނުދޭނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ޕާން، ބަނަސް ފަދަ ތައްޔާރީ ކާނާ ވެސް ހޯދުމަށް ވަނީ އުނދަގޫވެފައި

ހޮނިހިރު ދުވަހު ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިވަނީ ގައުމީ އެޔަރލައިން މޯލްޑިވިއަންގެ ފްލައިޓްތައް މެލޭޝިޔާއަށް ވެސް ދަތުރުތައް އަޅާ އެގައުމުގައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެންނަން މަސައްކަތްތައް ކުރާނެކަން އިއުލާނުކުރައްވާފައެވެ.

އެހެން ނަމަވެސް މި ޚަބަރަކީ ވެސް މި ވަގުތު ކަންބޮޑުވެފައި މެލޭޝިޔާގައި ތިބި ދިވެހިން ޙާއްސަކޮށް ކިޔާވަކުދިންނަށް އުފާވެރި ޚަބަރަކަށް ނުވިއެވެ. 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން މެލޭޝިޔާގައި ބިޒްނަސް ގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަމުން އަންނަ ދަރިވަރަކު ބުނީ މިކަމުގެ މަޢުލޫމާތު ހައިކޮމިޝަނުން ހިއްސާކޮށްފައިވާކަމަށެވެ. އޭނާ ބުނީ މި ފްލައިޓްތަކުން ރާއްޖެ އަންނަން ޚަރަދުކުރަން ޖެހޭނީ ޢަމިއްލަ ޖީބުން ކަމަށް ވެސް އޮފިޝަލުން އަންގާފައިވާ ކަމަށެވެ. އަދި މެލޭޝިޔާގައި ގިނައީ ދިވެހި ކިޔަވާ ކުދިންނަށް ވާ އިރު މިފަދަ ޚަރަދެއް ކުރަން އުނދަގޫވާނެ ކަމަށާ މިދަތުރުތަކަކީ އަދި ތާވަލުވެސް ނުވާ ދަތުރުތަކަށް ވާ އިރު މީ ހައްލެއް ކަމަށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.