ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 20ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ މައުލޫމާތު ހާމަ ކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ މާލެއާއި ހުޅުމާލޭގައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ޖުމްލަ ހަތަރު ގެެއެއް ފުލުހުން ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރި 11 މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ މީހުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ޓްރެފިކް ކުރުމުގެ ކުށާއި ފޭރުމާއި ހެކި ނައްތާލަން އުޅުމާއި ވައްކަމުގެ ކުށުގެ ރިކޯޑު އޮންނަ މީހުން ހިމެނެއެވެ.

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ހޯދާފައިވާ ބައެއް ތަކެތި / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް މި މަހުގެ 26ވަނަ ދުވަހު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޮންމެ މީހެއްގެ ބަންދަށް 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު ދަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.