މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ސަޕްލައިކުރަމުން ދިޔަ ނެޓްވޯކެއްގެ އިސް ދިވެހި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ކަރޯގޭ، އުމުރުން 53 އަހަރުގެ މުހައްމަދު ރަޝްވާން އައްބާސް އެވެ. އޭނާއަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެނގިފައިވެއެވެ.
މި މައްސަލާގައި މީގެ ކުރިން ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން ތަހުގީގުގައި ބުނެފައިވަނީ، އެ މީހުން ބަނގުރާ ވިއްކުމުގެ ޖަރީމާ ހިންގަމުންދިޔައީ ރަޝްވާން އަންގައިގެން ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހ. މާދޫގޭގެ ދެ ފްލޯއެއް ބަލައި ފާސްކުރުމުގެ ތެރޭގައި 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ތަން ބޭނުންކޮށްފައިވަނީ އޮފީހެއްގެ ގޮތުގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ އިތުރު ތަހުގީގު ކުރަމުންނެވެ.
