ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން ޖެހުނު ނަމަވެސް، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރިން ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އޮތުން ބަދަލުވެ، ޖުމްލަ އާމްދަނީގެ 40 ޕަސެންޓު މާދަމާއިން ފެށިގެން ބޭންކުތަކަށް މާރުކުރަން ޖެހޭނެކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރިތަކަށާއި، ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް މިހާރު ގާނޫނުގައި އޮތް މިންވަރަށް ބަދަލެއް ނާންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، އަސާސީ މުދާ އިމްޕޯޓްކުރުމަށާއި ވިޔަފާރިވެރިންނަށް ޓީޓީ ހެދުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެކަމަށެވެ.

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަދެފައިވަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް މާރުކޮށްފައިވަނީ އެންމެ 21 ޕަސެންޓުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ބަދަލަކީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ފަދަ ކަމާބެހޭ އިދާރާތަކުން ތަފާސްހިސާބުތައް ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، 40 ޕަސެންޓު މާރުކުރުމަށްފަހުވެސް ރިސޯޓުތަކުގެ ލޯނުތައް ދެއްކުމަށާއި، މުވައްޒަފުންނަށް މުސާރަ ދިނުމަށް އަދި އޮޕަރޭޝަނަލް ހަރަދުތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ގާނޫނަށް ފުރިހަމައަށް ތަބާވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.