މާލޭގެ މާފަންނު ގެއެއް ބަލައިފާސްކޮށް، ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސޭންޑީހޮލޯ، އުމުރުން 37 އަހަރުގެ އަބްދުﷲ އިނާޒެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އޮގަސްޓު މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ކޯޓު އަމުރެއްގެ ދަށުން އިނާޒް ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އަތުލައިގަތް މި ތަކެތީގެ ވަގުތީ ބަރުދަނަކީ 515.11 ގުރާމް ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.
މި މައްސަލައާ ގުޅިގެން އަބްދުﷲ އިނާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީޤު ކުރަމުންނެވެ.
