ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ސިއްހީ ކާރިސާ، ކޯވިޑް-19 އިން އަރައިގަތުމަށް ދިވެހި ސަރުކާރުން އަޅާފައިވާ ރައްކާތެރި ކަމުގެ ގިނަ ގުނަ ފިޔަވަޅުތައް ކާމިޔާބުވަމުން ދާ އިރު އަވަށްޓެރި އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ހާލަތު ދަނީ ގޯސްވަމުންނެވެ. ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ގައުމުތަކުގެ ސަރުކާރުތަކުން ގިނަ ގުނަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ އިރު އަވަށްޓެރި ގިނަ ގައުމުތަކަކީ ދިވެހިން ގޮސް އުޅޭ ދިވެހިން އަދި ވެސް އުޅެމުންދާ ގައުމުތަކެވެ.

މި ފަދަ އެއް ގައުމަކީ މެލޭޝިއާއެވެ. ބަލި އިތުރަށް ފެތުރަ ނުދިނުމަށް މެލޭޝިއާގެ ސަރުކާރުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައިވާ އިރު މި މަހުގެ ކުރީކޮޅު އެގައުމުގެ ސަރުކާރުން ވަނީ މެލޭޝިއާގެ ތެރޭގައި ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުމެވޭނެ ފަދަ ޢަމުރެއް އިއުލާނުކޮށް ގައުމު ލޮކްޑައުން ކޮށްފައެވެ.

ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ މެލޭޝިއާގެ ސަރުކާރުން އެގައުމު ލޮކްޑައުން ކޮށްފައި ވާއިރު ރާއްޖެއިން ވެސް ވަނީ އެގައުމުން ރާއްޖެ އަންނަ ބިދޭސީން ގައުމަށް ވެއްދުން ހުއްޓާލާފައެވެ. މިހާލަތުގައި މެލޭޝިއާގައި އުޅޭ ގިނަ ދިވެހި ކިޔަަވާ ކުދިން އަދި އާއިލާތަކުން ވަނީ އަނބުރާ ރާއްޖޭ އައިސްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މި ފަދަ މީހުން ސާދަ ދުވަހަށް ކަރަންޓީންގައި ބަހައްޓައެވެ.

މެލޭޝިއާ ލޮކްޑައުންއަށް ދިޔަ ނަމަވެސް އަނބުރާ ރާއްޖެ އަންނަން ބޭނުން ނުވި ދިވެހިން ވެސް އެބަތިއްބެވެ.

2015 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އާއިލާއާއެކު މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އުޅެމުންދާ އައިޝާ "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ މުޅި ދިރިއުޅުން އެގައުމަށް ބަދަލުކޮށްފައިވާ އިރު ކުއްލިއަކަށް ފުރައިގެން މާލެ އައުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އައިޝާ ބުނީ އޭނާގެ ފިރިމީހާއަކީ މެލޭޝިއާގައި ދިވެހި ސަރުކާރުގެ ޚިދުމަތުގައި މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ މީހެއް ކަމަށާ މިވަގުތަކީ މެލޭޝިއާގައި ތިބި ދިވެހިންނަށް ސަރުކާރުގެ ފުރިހަމަ އެހީ އެންމެ ބޭނުންވާ ވަގުތު ކަމަށެވެ. އައިޝާ ބުނީ މެލޭޝިއާގެ ސަރުކާރުން ބޭރަށް ނިކުމެ އުޅުން މަނާ ކުރާ އިއުލާނު ނެރުމުގެ ކުރިން ވެސް އޭނާއާ އާއިލާއިން ތައްޔާރުވަމުން ދިޔައީ ހާލަތު އެންމެ ގޯސްވެދާނެ ދަނޑިވަޅަކަށް، ގެއަށް ބޭނުންވާ ކާބޯތަކެތި މަދު ނުވާ ވަރަށް ވެއްދުމުގެ މަސައްކަތް ކުރިއަލާ ކުރުމަށެވެ.

މޭވާއާ ތަރުކާރީގެ ބާވަތްތަކާ މަހާ އެއްގަމު މަސް ގަނޑުކޮށް ހޯދިކަމަށް އައިޝާ ބުނި

މި ގޮތުން، ލިސްޓެއް ހަދައިގެން ބޭނުންވާނެ ހުރިހާ ތަކެތި ހަމަކުރި ކަމަށާ މޭވާ ތަރުކާރީ ފަދަ ތަކެތި ތާޒާކޮށް ގަނެ އެތަކެތި ގަނޑުކޮށްގެން މިހާރު ބޭނުން ކުރަމުންދާ ކަމަށް އައިޝާ ބުންޏެވެ.

އައިޝާ ބުނީ ގޭގެ އެކި ތަންތަނުގައި ކާބޯތަކެތި ރައްކާ ކުރި ކަމަށާ މަދު ނުވާ ވަރަށް ދަޅުކާނާއާއި އެހެނިހެން ތައްޔާރީ ކާނާ ވެސް ހޯދި ކަމަށެވެ.

އައިޝާ ބުނީ ގޭގެ އެކި ތަންތަނުގައި ކާ އެއްޗެހި ރައްކާކޮށް ހެދި ކަމަށް

އައިޝާ ބުނީ އޭނާއާ ދެކުދިން ގެއިން ބޭރަށް ނުނިކުންނަތާ ދިހަ ދުވަސް ވެއްޖެ ކަމަށާ ފިރިމީހާ އޮފީހަށް ދިޔަ ނަމަވެސް އޭނާ ދަނީ މާސްކު އަޅައިގެން ހޭންޑް ސެނިޓައިޒާ ފުޅި ހިފައިގެން ކަމަށެވެ. އައިޝާ ބުނީ ވެގެން އުޅޭ ގޮތް އޭނާގެ ކުދިންނަށް ވިސްނައިދިން ކަމަށާ، ކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދާ ހަދަނީ އާއިލާއިން އެކުގައި ކަމަށެވެ.

ކުދިން ބޭރަށް ނުދާތާ 10 އަކަށް ވުރެ ގިނަ ދުވަސް ވެދާނެ-އައިޝާ
ކުދިންނަށް ވާނުވާ ކިޔާ ދިން ނަމަވެސް ހަޤަށް ހުންނަ ކުއްޖާ ވަރަށް ބިރުން އުޅޭނެ ބައްޕައަށް ބަލި ޖެހިދާނެ ތީ. ކުޑަވީމަ ކަންނޭގެ. ދޮށީ ފިރިހެން ދަރިފުޅަށް ވިސްނޭ މިވާ ގޮތް
އައިޝާ

އައިޝާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެންނެވެ. ހާލަތު ކިތަންމެ ބިރުވެރި ނަމަވެސް އޭނާ ހުރީ ސާބިތުކަމާއެކު އެކަމާ ކުރިމަތިލުމަށް ތައްޔާރަށެވެ.

އާއިޝާއާއެކު އޭނާގެ އާއިލާ މެލޭޝިއާގައި އުޅެމުންދާ އިރު ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އެކަނިމާއެކަނި އާއިލާއާ ދުރުގައި މެލޭޝިއާގައި ކިޔަވަން އެބަތިއްބެވެ. ވޭތުވެދިޔަ ދެ އަހަރު ވަންދެން މެލޭޝިއާގައި މަތީ ތަޢުލީމް ހާސިލް ކުރަމުންދާ މަރިޔަމް (އަސްލު ނަމެއް ނޫން) އެގައުމުގައި އުޅެމުން ދަނީ އެކަނިމާ އެކަންޏެވެ. މިވަގުތު އެޕާޓްމަންޓްގައި ކުއްޔަށް އުޅޭ އެހެން ކުދިން ވެސް އަނބުރާ ގައުމަށް އައިސްފައިވާ އިރު މެލޭޝިއާ ލޮކްޑައުން ކުރުމުން ރާއްޖެ ނައީ ކީއްވެތޯ މަރިޔަމްއާ ސުވާލުކުރުމުން އޭނާ ދިނީ ވިސްނުންތެރި ޖަވާބަކެވެ.

މެލޭޝިއާގެ އެޕާޓްމަންޓްގައި އެކަހެރިވެގެން ހުރުމަށް ވުރެ ރާއްޖެ ދާ މަގުމަތީގައި ފްލައިޓުން އެއާޕޯޓުން ބަލި ޖެހުން މާ ގާތް. 14 ދުވަސް ކަރަންޓީންގައި ހުއްޓަސް އަމިއްލަ އާއިލާ ކައިރިއަށް ބަލި ގެންދަން އެއްވެސް ވަރަކަށް ބޭނުމެއް ނޫން. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން.
މަރިޔަމް

މަރިޔަމްގެ ވިސްނުމާ ދިވެހި ސަރުކާރުގެ އިރުޝާދާ ވެސް ދިމާވެއެވެ. މި ހަފްތާގެ ކުރީކޮޅު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޯވިޑް-19 ގެ ކަންތަކުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ބޭރު ގައުމުތަކުގައި ތިބި ދިވެހި ރައްޔިތުންނަށް އެންމެ ރައްކާތެރި ގޮތަކީ ތިބި ތަނުގައި ތިބެ ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުން ކަމަށެވެ. އަދި އެއާޕޯޓް ފަދަ ތަންތަނަކީ މިވަގުތު އެންމެ ނުރައްކާތެރި ތަންތަން ކަން ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް، މަބްރޫކް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުރި އެއްވެސް ދިވެއްސަކަށް ދިވެހި ސަރުކާރުން އެހީ ފޯރުކޮށް ނުދީ ދޫކޮށް ނުލާނެ ކަމަށާ ދިވެހި އެއްވެސް ރައްޔިތަކު ބިކަ ހާލުގައި ޖެހެން ދޫކޮށް ނުލާނެ ކަމަށެވެ. ސަރުކާރުން މިހާރު ވެސް ވަނީ ރާއްޖެއިން ބޭރުގައި ތިބި އެތަށް ދިވެހިންނެއް ރާއްޖެ ގެނައުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މެލޭޝިއާގައި ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރު މަރިޔަމް ބުނީ ގެއިން ބޭރަށް ނުކުތުން މަނާ ހާލަތަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވެސް ކާތަކެއްޗާއި އެހެން ބޭނުންވާ ތަކެތި ކުރީ ބައިގައި ގަތް ކަމަށެވެ.

މި ގޮތުން އެއްޗެހި ގަންނަން އޭނާއަށް ދެވުނީ ލޮކްޑައުން ކުރި ދުވަހުގެ ކުރީ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށާ ސުޕަރމާކެޓްގެ ދޮރުހުޅުވާލިތާ ތިރީސް މިނެޓްގެ ތެރޭގައި ކަނޑުމަހާއި އެއްގަމު މަސް އަދި ކުކުޅާއި ބިސް ފަދަ ތަކެތި މުޅިން ހުސްވި ކަމަށެވެ. މަރިޔަމް ބުނީ ބައެއް ކެރެޓާއި ކެބެޖް ފަދަ ތަރުކާރީ ހޯދަން އުނދަގޫ ކަމަށާ ކައްކާ އިރު މިތަކެތީގެ ބަދަލުގައި އެހެން ތަކެތި ބޭނުން ކުރާ ކަމަށެވެ. މެލޭޝިއާގައި ޑިގްރީއަށް ކިޔަވަމުންދާ މަރިޔަމް ބުނީ ހަފްތާއަކަށް ވާ ވަރަށް ކާ އެއްޗެހި ހޯދި ކަމަށެވެ.

މެލޭޝިޔާގައި ހުރި ދިވެހި ދަރިވަރެއްގެ އެހަފްތާގެ ކާނާ

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން މަރިޔަމް ބުނީ އޭނާ އެންމެ ފަހުން ބޭރަށް ނިކުތީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާ ބޭރަށް ދިޔައީ މާސްކު އަޅައިގެން އަތް ދޮންނަ ފުޅިއެއް ދަބަހަށް ލައިގެން ކަމަށެވެ. އަދި އޭނާ އުޅެމުންދާ ސަރަހައްދުން ވެސް މި ބަލި ފެނިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވާތީ އަޅަން ޖެހޭ ހުރިހާ ތައްޔާރީ ފިޔަވަޅުތައް އެޅި ކަމަށް ވެސް މަރިޔަމް ބުންޏެވެ.

އަމިއްލަ އަށް އެކަހެރިވެގެން ހުރުމުން ނަފްސާނީ ވަރުބަލި ކަމެއް ކުރިމަތިވާކަން ފާހަގަކުރަމުން މަރިޔަމް ބުނީ އޭނާ ފިލްމް ބަލާ، ވާހަކަ ކިޔަވާ ނުވަތަ ކަސްރަތުކޮށްގެން ވެސް ފޫހިނުވެ ވޭތޯ ބަލާ ކަމަށެވެ. އަދި އާއިލާއާ ދުރުގައި ހުންނަން ޖެހުމަކީ ކިތަންމެ ދެރަވާ ކަމެއް ކަމަށް ވިޔަސް މިއީ އެމީހުންނަށް ވެސް ހުދު އޭނާއަށް ރަނގަޅަކަށް ދުރުގައި ހުންނަ ހުރުމެއް ކަމަށް މަރިޔަމް ބުންޏެވެ.

އާއިލާއިން ކޮންމެ ދުވަހުހެން ގުޅާ ހަދާނެ. އެކަނި ވެދާނެތީ ވަރަށް ސަކަރާތް ޖަހާ ވެސް ހަދާނެ. ޔުނިވަރސިޓީގެ ލެކްޗަރާއިން ވެސް ކުދިންގެ ހާލު ބަލާ ހަދާ. އަދި އެންމެ ފަހުގެ މަޢުލޫމާތު ވެސް ދޭނެ
މަރިޔަމް

މަރިޔަމް ބުނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މިދަނޑިވަޅުގައި ގިނަ އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. މި ގޮތުން ރާއްޖެ ދާ އެންމެ ފަހުގެ ފްލައިޓްތަކުގެ މަޢުލޫމާތު ހިއްސާ ކުރުމާ ދަރިވަރުންނާއި އާއިލާތަކުން އަހާ އެކި އެކި ސުވާލުތަކަށް ކެތްތެރިކަމާ އެކު އެމްބަސީއިން ޖަވާބު ދެމުންދާ ކަން މަރިޔަމް ފާހަގަކުރިއެވެ.