މީގެފަހުން ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރަންވާނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ކަމަށް އެ ކޯޓުން ބުނެފިއެވެ.

އެކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓަށް ފޮނުވާ ލިޔުންތަކާއި ސިޓީތަކުގައި ސޮއިކުރަންވާނީ އަމިއްލަ ފަރުދަކު ނަމަ އެ ފަރުދެއް ކަމަށާއި އަދި ގާނޫނީ ވަކީލަކު ނަމަ އެ ވަކީލެއް ކަމަށެވެ. ދައުލަތުގެ އިދާރާއެއް ކަމުގައި ނުވާ ގާނޫނީ ޝަހުސެއް ނަމަ އެ ލިޔުމެއްގައި ސޮއިކުރަންވާނީ އެފަރާތަކުން ކަނޑައަޅާ ފަރާތެއް ނުވަތަ ގާނޫނީ ވަކީލެއް ކަމަށްވެސް އެ ކޯޓުގެ ސާކިއުލާގައިވެއެވެ.

މީގެއިތުރުން އެ ކޯޓުގެ ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ އިދާރާއަކުން ސުޕްރީމް ކޯޓަށް ސިޓީއެއް ނުވަތަ ލިޔުމެއް ފޮނުވާ ނަމަ ސޮއިކުރަން ވާނީ އެ އިދާރާއެއްގެ ވެރިއެއް ކަމަށެވެ. އަދި ސިޓީ ނުވަތަ ލިޔުމުގައި ސޮއިކުރާއިރު، ސޮއިކުރާ ފަރާތުގެ ނަމާއި މަގާމުވެސް ޖެހުމަށް އެކޯޓުން ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އެ ކޯޓަށް ފޮނުވާ ލިޔުންތަކާއި ސިޓީތައް އެޑްރެސްކުރަން ޖެހެނީ އުއްތަމަ ފަނޑިޔާރަށެވެ. އަދި އޭގައި ސޮއިކުރަން ޖެހޭނީ އެ ފޮނުވާ އިދާރާއެއްގެ އެންމެ އިސް ވެރިޔާއެވެ. އެހެންކަމުން މި ސާކިއުލާއާ އެކުގައި ކުރިން ނެރެފައިވާ ސާކިއުލާ ބާތިލްވީއެވެ.