ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުން އިއްވި ހުކުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ތާއިދުކޮށްފިއެވެ.
މި މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެކެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް، މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ. ހައިކޯޓުން އެ މައްސަލަ އަލުން ބަލަން އެންގިއިރު، ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ވަނީ އަމުރުކޮށްފައެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ އެ ނިންމުމެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ބުނެފައިވަނީ، ޖިނާއީ މައްސަލަތަކުގައި ދައުވާ ސާބިތުކޮށްދިނުމުގެ ބުރަ އޮންނަނީ ދައުލަތުގެ މައްޗަށް ކަމަށެވެ. އަދި ދައުލަތުން ޝަރީއަތް ކުރިއަށްގެންދާއިރު ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތަކުން ފަރުވާ ދިނުމަކީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ހަމަހަމަކަން ގެއްލިގެންދާނެ ކަމެއް ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު ވިދާޅުވީ، ދައުލަތުން ހައިކޯޓުގައި ފާހަގަކޮށްފައި ނުވާ އާ ނުކުތާތަކެއް ސުޕްރީމް ކޯޓުގައި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ނުކުތާތަކެއް އިސްތިސްނާ ހާލަތެއްގެ ގޮތުގައި ބަލައިގަނެ، ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ގާނޫނީ ބުރަދަނެއް ހުރި ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ ތާއިދު ކުރައްވާފައެވެ.
ސުޕްރީމް ކޯޓުން މި މައްސަލާގައި ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް އޮތީ މަޑުޖައްސާލާފައެވެ. ނަމަވެސް މިއަދުގެ ހުކުމާއެކު، މައްސަލަ އަލުން ބަލާއިރު ދައުލަތުން ފަހުން ހުށަހެޅި އެއްވެސް އާ ހެކިބަހަކަށް ކޯޓަކަށް ރިއާޔަތެއް ނުކުރެވޭނެއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލައިގެ ދައުވާތައްވެސް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ. އަދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓާފައިވާ އެމަނިކުފާނުގެ އެއް މިލިއަން ޑޮލަރު ހޯދުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްވެސް މިހާރު އޮތީ ހައިކޯޓުގެ މަރުހަލާގައެވެ.
