މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރު (އޭސީޕީ) ގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށާއި، ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ހައި ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.

ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ ހިޔާނާތުގެ ތުހުމަތުގައި، އޭސީޕީ އާސިފް މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަސް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އާސިފް ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ އާސިފް ވަކިކުރި ނިންމުން ގޯސް ކަމަށް ކަނޑައަޅާ އޭނާއަށް އަލުން ކުރިން ހުރި މަގާމަށް އައްޔަންކުރުމަށް އަމުރުކޮށްފައެވެ. އަދި މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގައި ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދީ ނިންމުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެހެން ނަމަވެސް، ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އިސްތިއުނާފީ މައްސަލައިގައި ހައި ކޯޓުން ގޮތެއް ނިންމަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ނެރެދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައިވާ ގޮތުން، ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖައްސާނުލައި ކުރިއަށް ގެންގޮސްފިނަމަ، ދައުލަތުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަންތައްތަކެއް ހުރުމާއެކު ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ މައްސަލައިގެ އިޖުރާއަތްތައް މަޑުޖައްސާލުމަށް އަމުރުކޮށްފައެވެ.