ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ބުނެ ބިރުދައްކައިގެން، ދިވެހި ފިރިހެނެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށް، ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށެވެ. ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އޮރިޔާންކާޑު ހުރިކަމަށް ބުނެ ބިރުދައްކައި، އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ އޭނާ ވަނީ އަތުލާފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޑިސެމްބަރު 19، 2024 ގައެވެ.
މި މައްސަލަ އެންމެ ފުރަތަމަ ކުރިއަށްދިޔައީ ކްރިމިނަލް ކޯޓުގައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު އެ ކޯޓުން ނިންމާފައިވަނީ މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންވެސް، ހައިކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވާއިރު، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމެވީ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އަދި ފަނޑިޔާރު އިސްމާއިލް ޝަފީއުއެވެ. މި މައްސަލައިގައި ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ ދަށު ކޯޓުގެ ނިންމުން ބާތިލު ކުރަން ޖެހޭ ކަމަށެވެ.
ހައިކޯޓުންވެސް މުހައްމަދު ފަވާޒް ލުތުފީ ސަލާމަތްވުމާ ގުޅިގެން، ދައުލަތުން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
