ކޮވިޑް19 އަށް ރާއްޖެއިން ވެސް ދެ މީހަކު ޕޮޒިޓިވްވެ އެ ބަލި އިތުރަށް ރާއްޖޭގައި ފެތުރިދާނެ ކަމަށް ބަލާ ދައުލަތުގެ ހަރަދުތައް މިހާރަށް ވުރެ ކުޑަ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފިއެވެ.

ވަޒީރުންގެ މަޖިލީހުގައި މިގޮތަށް މަޝްވަރާ ކުރީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ދެ މީހަކު ފެނުމުން އެކަމުގައި ސަރުކާރުން އަޅާނެ ފިޔަވަޅުތަކާއި ގުޅިގެން އިތުރަށް މަޝްވަރާ ކުރުމަށް ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް އެ ހަބަރު [ކޮވިޑް19 ރާއްޖެއިން ފެނުނުކަން] ގެނެސްދީ އެކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފު ކޮށްދިނުން ކަމަށް ުވިދާޅުވިއެވެ. އަދި މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް ސަރުކާރުން ދެނީ ރައްޔިތުން ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުން ވަނީ މި ބަލި އިތުރަށް ރާއްޖޭގައި ފެތުރިދާނެތީ މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ޚަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިގްތިސޯދީ ގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް ވަޒީރުން ވަނީ ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވާފައެވެ.