މާލެ-ތިލަފުށި ބްރިޖުގެ ސާވޭ މަސައްކަތެއް ކުރުމަށްޓަކައި 16 މިލިއަން ޑޮލަރަށް ނެދަލޭންޑުގެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ. އެ ކުންފުންޏަށް ހަވާލުކުރީ ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މެރިން ޖިއޯ ޓެކްނިކަލް ސާވޭ އާއި ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭ ކުރުމަށެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އެ މަސައްކަތް ހަވާލުކުރީ ފުގްރޯ ކުންފުންޏާއެވެ. އެކުންފުނީގެ މަސައްކަތްތައް މި މަހުގެ 15 ގައި ފަށާނެވެ. އަދި އެ މަސައްކަތް އަންނަ ޖުލައި މަހުގެ ހަތްވަނަ ދުވަހަށް ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މާލެ-ތިލަފުށި ބްރިޖުގެ ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މި އަހަރު ތެރޭގައި އެ ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މިއަހަރަށް ކަނޑައަޅާފައވާ ބަޖެޓުގައި ބްރިޖުގެ މަސައްކަތް ކުރުމަށް ފައިސާ ވަނީ ކަނޑައަޅާފައެވެ އެގޮތުން ބްރިޖުގެ މަސައްކަތަށް މިއަހަރުގެ ބަޖެޓުން 411 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.