ވަކި ގަވާއިދެއްގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަށް ހުއްދަ ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ޖާބިރުގެ ގަރާރުގައި ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް ނިމުމަކަށް ގެނައުމަށް ވެސް ވަނީ ގޮވާލާފައެވެ. އަދި ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް ދިވެހިންނަށް އެކަމުގެ ހުއްދަ އަލުން ދިނުމުގެ އިތުރުން އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެ މަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް ގޮވާލާ ކަމަށެވެ.

ޖާބިރު ވިދާޅުވީ 50 މޭލާއި 70 މޭލު ބޭރުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ދިވެހި މަސްވެރިންގެ ތެރެއިން އެން ހިފަން ފީނާ މަސްވެރިންނަށް މިޔަރުގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.

ޖާބިރު ވިދާޅުވީ އެކަމުގައި އެމަނިކުފާނު ހުދު އަމިއްލަފުޅަށް ދިރާސާއެއް ކުރެއްވި ކަމަށެވެ. އަދި އެ ދިރާސާއިންނާއި މަސްވެރިންނާއި ވާހަކަދައްކާލުމުން އެ މިޔަރުތަކަކީ އެތައް ހާސް މޭލު ބޭރުން ދަތުރުކުރަމުން ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅޭ މިޔަރުތަކެއް ކަން އެނގި ކަށަވަރު ވެފައިވާ ކަމަށެވެ.

ޖާބިރުގެ ގަރާރުގައި ރާއްޖޭގެ "ޓެރިޓަރީގައި" މީގެކުރިން އުޅުނު މިޔަރުތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރުތަކަކަށް ނުވި ނަމަވެސް މިހާރު ރާއްޖޭގެ ސަރަހައްދުތަކުގައި އުޅެމުންދާ މިޔަރުތަކަކީ އެތަކެތީގެ ސަބަބުން އިންސާނުންނަށް އަދި ކަނޑުގެ އެހެން ދިރޭ ތަކެއްޗަށް ނުރައްކަލެއް ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ އިގްތިސޯދުގެ ދެ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން ސަލާމަތް ކުރުމަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ފިޔަވަޅުތަކެއް އެޅުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

އެއީ ދިވެހިކަނޑުތަކުގައި އުޅޭ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް މި ހިނދުން މި ހިނދަށް ފެށުމާއި އެތަކެތީގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހިނދުން މި ހިނދަށް އެޅުމާއި ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް ނިމުމަކަށް ގެނައުމާއި އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސާދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެ މަތިން، ވަކި ގަވާއިދެއް ހަދައި، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުން ހުއްދަ ކުރުމެވެ.