ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި އެ ރަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބޮޑުމޮހޮރާ ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މި ރަށް ޖާބިރަށް ދީފައި ވަނީ 50 އަހަރަށެވެ. ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ރަށް ޖާބިރަށް ކުއްޔަށް ދިނުމާއި ގުޅޭ އެއްބަސްވުމުގައި ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ސާލިހުއެވެ. އަދި ބޮޑުމޮހޮރާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން އަބްދުﷲ ޖާބިރެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، ބޮޑުމޮހޮރާ ވާނީ ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓަކަށް ކަމަށެވެ. މީގެކުރިން ޖާބިރު ވިދާޅުވެފައި ވަނީ އެ މަޝްރޫއު އަކީ ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.
ޖާބިރު ވިދާޅުވީ، މި ރަށުގައި ރިސޯޓެއް ހެދުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ، ދައުލަަތަށްވެސް އެންމެ ފައިދާވާ ގޮތަަށް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ގެއްލުމުގެ ބަދަލު ނުހޯދާ ގޮތަށް ކަމަށް ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ސަރުކާރުން އޭނާއަށް ބޮޑުމޮހޮރާ ހަވާލުކުރީ 36 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
ޖާބިރު ވިދާޅުވާ ގޮތުގައި މަޝްރޫއު ކުރިޔަށް ގެންދާނީ ތިން ފޭސް އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭސް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ފުރަތަމަ ފޭސްގައި 100 އެނދުގެ ރިސޯޓެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރު ފޭސްތައް ނިމޭ އިރު، އެ ރިސޯޓުގައި ކަނޑު އަޑީގެ ކޮޓަރިތަކާއި، ގޭމިން ސެންޓަރެއް އެޅުމުގެ ވިސްނުން ވެސް ޖާބިރު ގެންގުޅުއްވައެވެ.