ރާއްޖެއަކީ ބިން ކުޑަ ގައުމަކަށްވެފައި ރައްޔިތުން ދިރިއުޅުމަށްޓަކައި ސަރުކާރަށް ބިން ހިއްކަން މަޖުބޫރުވެފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ބިން ހިއްކުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންނަމަވެސް އެކަން ކުރަންޖެހެނީ ރާއްޖެއަށް އެނޫން ގޮތެއް ނެތިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ބިން ނުހިއްކާވެސް ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ އެކަން ކުރެވޭނެ ގޮތެއް މަޖިލީހަށް ހިއްސާ ކޮށްދެއްވާފައެވެ.
އެގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފަޅުމަތީގައި ގޯތި އަޅައިގެން އުޅެން ދަސް ކުރަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށެވެ. ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުން ދެން އިންފްރާސްޓްރަކްޗާ ގާއިމްކުރާނީ ފަޅުމަތީގައިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އޭރުން ބިން ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ކަމަށެވެ. ދުނިޔޭގެ އެހެން ބައްރުތަކުގެ މީހުން ދިރިއުޅެމުން އަންނަނީ އެފަދަ ތަންތަނުގައި ކަމަށާއި އެމީހުން ދިރިއުޅެން ބޭނުން ވަނީވެސް އެފަދަ ތަންތަނުގައި ކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ އެ ވިސްނުމަކީ މިހާރު ގެންގުޅެންވެއްޖެ ވިސްނުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ އިންފްރާސްޓްރަކްޗާ ގާއިމް ކޮށްދޭނީ ސަރުކާރުން ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާއާ މަގުތައް ހަދައިދޭނީ ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެކަމަކީ ރާއްޖޭގެ ހުރިހާ ރަނެއްގައި ކުރެވޭނެ ކަމެއް ނޫން ނަމަވެސް ގިނަ ރަށްތަކުގައި އެކަމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.