ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމެލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ނިންމައިފިއެވެ.

އަބްދުﷲ ގާޒީގެ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ. ނަމަވެސް އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރައްވާފައިވަނީ 2016 ވަނަ އަހަރުއެވެ.

އަބްދުﷲ ގާޒީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައްޔަރުކުރި ބޭފުޅެކެވެ. އެ މައްސަލާގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އެތައް ރެއެއް ވަންދެން އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާވެސް ކުރިއެވެ.

އަބްދުﷲ ގާޒީގެ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާއި އެތައް މެޖިސްޓްރޭޓުންގެ މައްސަލަތަކެއް ޖޭއެސްސީން މިހާރުވެސް އަންނަނީ ބަލަމުންނެވެ.