ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ނަމަ ކޯޓުތަކުގެ އިސް ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައިފިއެވެ.

މިއަދު ގެޒެޓްކުރި "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުން، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިސް ފަނޑިޔާރަކު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ނަމަ، އެ ފަނޑިޔާރަކު އިސް ފަނޑިޔާރުކަމުގެ މަގާމުން ދުރުކުރުމުގެ ފުރިހަމަ ބާރު މިހާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.

މިހާތަނަށް އަމަލުކުރަމުންދިޔަ އުސޫލުގައިވާ ގޮތުން އިސް ފަނޑިޔާރަކު މަގާމުން ވަކިވަނީ އެ ފަނޑިޔާރަކު އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ނުވަތަ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމުމުންނެވެ.

އާ ގަވާއިދުގެ ދަށުން، އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާނީ ޖޭއެސްސީންނެވެ. އަދި އެ މަގާމަށް ކުރިމަތިލާ ފަނޑިޔާރުންނާ އިންޓަވިއު ކުރުމަށްފަހު، މަގާމަށް ބޭފުޅަކު އައްޔަން ކުރާނީވެސް ޖޭއެސްސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.