ސިވިލް ކޯޓުގެ ގާޟީ އަބްދުﷲ އިހްސާން ސަސްޕެންޑްކުރީ އޭނާއަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ހާމަކުރައްވައިފިއެވެ.
އެންމެ ފުރަތަމަ، ޖޭއެސްސީން އާންމުކުރި ނޫސްބަޔާނާ ގުޅިގެން، އިހްސާން ސަސްޕެންޑްކޮށްފައިވަނީ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ކޮމިޝަނުން މިރޭ އާއްމުކުރެއްވި އިތުރު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިހްސާން ސަސްޕެންޑުކޮށްފައިވަނީ ސިވިލްކޯޓުގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނޫންކަމަށެވެ.
ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިހްސާން މަސައްކަތުން ދުރުކުރުމަށް ނިންމާފައިވަނީ އޭނާއާ ދެކޮޅަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައެއްގެ ތަހުގީގީ އިޖުރާއަތްތަކުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން، އިހްސާންގެ ބަޔާން ނެގުމުގެ އިތުރުން، ތަހުގީގަށް ބޭނުންވާ އެހެން ފަރާތްތަކުގެ ބަސްވެސް ހޯދާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
އެ ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އިހްސާން މަގާމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ފެންނާތީ އާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
