ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާ ގުޅޭ ފުރިހަމަ މައުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ އެ ވައިރަހާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ގޮވާލައިފިއެވެ.
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާއިރު އެ ބައްޔާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައިފައެވެ. އަދި އެ ބައްޔާ ގުޅިގެން ވަމުން އަންނަ ގޮތްތައް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް އިދިކޮޅު ފަރާތްތަކުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ މި ބައްޔަކީ ފަސޭހައިން ފެތެރޭ ބައްޔެއް ކަމުން ކުޑަކުދިންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އެގޮތުން ގިނައިން މީހުން އެއްވާ ތަންތަނުގައި މީހުންގެ ރައްކާތެރިކަަށް ފިޔަވަޅުތައް އަވަހަށް އެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ބަޔާނުގައި މި ބަލީގެ ގޮތުން ސިއްހީ ގޮތުން އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އާއްމު ރައްޔިތުންވެސް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ބައްޔަށް ޝައްކު ކުރެވޭ މީހާއަކީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިހާރު އޭނާގެ ބްލަޑް ސާމްޕަލް ނަގައި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެ ދިވެހި ފިރިހެން މީހާ މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނުކޮށްފައި ކަމަށް އަމީން ވިދާޅުވިއެވެ.