ސުޕްރީމް ކޯޓުން ނިންމާ މައްސަލަތަކުގައި ހުކުމް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއް ކަން އެނގޭ ގޮތަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފޯމެޓް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ކުރި ޓްވީޓެއްގައި ބުނީ އެ ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ ތެރެއިން މިހާރު ހުކުމް ކުރަން ތާވަލް ކޮށްފައިވާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި ހުކުމް ލިޔުއްވާ ފަނޑިޔާރަކީ ކޮން ބޭފުޅެއް ކަމާއި އެހެން ފަނޑިޔާރެއްގެ އިތުރު ރައުޔެއް ނުވަތަ ފާހަގަ ކުރައްވާ އިތުރު ކަމެއް އެ މައްސަލައަކާ ބެހޭ ގޮތުން އޮތް ނަމަ، އެކަން ވަކިން އެނގޭނެ ގޮތަށް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފޯމެޓް ބަދަލު ކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މީގެކުރިންވެސް ސުޕްރީމް ކޯޓުން ވަނީ މައްސަލަތައް ނިންމާއިރު އެ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުންގެ ތެރެއިން ރައުޔު ތަފާތުވާ ފަނޑިޔާރުންގެ ރައުޔު މައްސަލަ ނިމުނު ގޮތުގެ ހުލާސާ ރިޕޯޓުގައި ވަކިން ހިމަނައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަތައް ބަލާނީ އެންމެ މަދުވެގެން ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ސުޕްރީމް ކޯޓުން މިފަދަ ބަދަލެއް ގެނެސްފައިވާއިރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މީގެކުރިން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ މަގާމުން ވަކި ކުރައްވާފައެވެ.