ރަށެއްގެ ގޮތުގައި އޮތް އިރަށް ވުރެ ސިޓީއެއްގެ ގޮތުގައި ހދ. ކުޅުދުއްފުށި މާ ބޮޑަށްވެސް "ނިކަމެތިކޮށް" ފެނިގެން ދާނެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށް އެ ސިޓީގެ ދާއިރާތައް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބައެއް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށި އޮންލައިނަށް ޝިޔާމް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުމުން އެ ސިޓީގެ އިހުތިސޯސާއި މެދު ސުވާލު އުފައްދަވާފައެވެ. ޝިޔާމް ވިދާޅުވާ ގޮތުގައި އާބާދީގައި ދިހަހާސް ހަމަވުމުން ސިޓީއެއްގެ ނަން ޖަހާލާފައި ދިނުމުން އެކަން އެހިސާބުން ނުނިމޭނެއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ބޭނުންވީ މައުނަވީ ގޮތަށް ކުޅުދުއްފުށި ސިޓީއަށް ނަން ދެވުން ކަމަށެވެ. އެއީ އެހެން ހުރިހާ ވަސީލަތްތަކަކާއެކީގައި ސިޓީގެ ދަރަޖަދިނުން ކަމަށެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލްގެ ދަރަޖަ ދިނުމަށް މަދުވެގެން 25،000 މީހުންގެ އާބާދީއެއް އޮންނަންޖެހޭ ގޮތަށް ކުރިން ގާނޫނުގައި އޮތަސް 2015 ވަނަ އަހަރު މަޖިލީހުން ވަނީ އެ އަދަދު 10،000 އަށް ދަށްކޮށްފަ އެވެ.

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.