ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފަނޑިޔާރުން ބަލައިގަތުމުގެ އުސޫލު އުވާލައިފި އެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ސީދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ކަނޑައެޅީ ކުރިން ތިއްބެވި ފަސް ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ޤާނޫނަށް އަމަލުކުރަމުން ދާއިރު، ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 57 ވަނަ މާއްދާގެ (ހ) އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (އ) ގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ކަނޑައަޅާފައި ވާއިރު، އެއީ ކޯޓުތަކުގެ ޤާނޫނާ ޚިލާފު މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ މާއްދާތައް ބާތިލުކުރުމަށް ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.