ދައުލަތުގެ ވަޒީރުންނާ މެދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޫދު ވިދާޅުވީ ވަޒީރުންނާ މެދު ރައީސްގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ސަރުކާރަށްވެސް ވަޒީރުންނާ މެދު އިތުބާރު އެބައޮތް ކަމަށެވެ.
އެހެންނަމަވެސް މަޖިލީހަކީ ވަކި އިދާރާއެއް ކަމަށާއި މަޖިލީހުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުބެހޭނެ ކަމަށް ހޫދު ވިދާޅުވިއެވެ.
ހޫދު މިފަދައިން ވިދާޅުވެފައި މިވަނީ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިސް ހުޅުވުމުން ވައްދަވާނެ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ދޮންބިލެތް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށާއި އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލިސް ހުޅުވުމުން އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަވާނެ ކަމަށެވެ. އަދި އެކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަވަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރަން ކުރާ މަސައްކަތްތަކަށް އިސްލާމިކް މިނިސްޓަރަށް އެކަށީގެންވާ ފިޔަޅުތައް ނޭޅުއްވޭތީ ކަމަށެވެ.