ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާ ގުޅިގެން ކައުންސިލްތައް ބާރުވެރިވީ ނަމަވެސް ކައުންސިލްތަކަށް ނުކަތާ ވަރަށް ވަޒީފާ މާ ގިނައިން ނުއުފެއްދުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި 200އަށްވުރެ ގިނަ ކައުންސިލަރުންނާއި އެކުގައި ފެއްޓެވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ރައީސް ނަޝީދު ވަނީ ކައުންސިލްތަކަށް ލިބިފައިވާ ބޮޑު ބަޖެޓުން ހަރަދު ކުރާނެ ގޮތްތައް ކައުންސިލްތަކަށް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލްތަކުން ވަޒީފާ ނުއުފައްދާ ބަޖެޓުގައި ހުރި ފައިސާ ރަނގަޅު ގޮތުގައި އިންވެސްޓު ކުރުމުން ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުގެ ހިޔާލަކީ ވިޔަފާރީގެ އުސޫލުންނޭ ކަންކަން ކުރައްވަން ޖެހޭނީ. އަޅުގަނޑުގެ ހިޔާލަކީ ވިޔަފާރީގެ އުސޫލުން ކަންކަން ކުރީމަ ދެން އުފޭދޭނޭ ވަޒީފާގެ ފުރުސަތުތައް. ކޯޕަރޭޓިވް ބައިވަރު ތަންތަނުގައި ހަދައިގެން މިއުޅޭ ތަންތަނުގެ ތެރެއިން އަޅުގަނޑަށް ހީވަނީ އައްޑޫގައި މިހާރުވެސް އެކަންކަން ކޮންމެވެސް ވަރަކަށް ކުރެވޭހެން. އަޅުގަނޑަށް ފެންނަ ގޮތުގައި ވިޔަފާރީގެ ފައިދާ އެއީ ވަރަށް މާތް ކަމެއް. އޭގެ ފައިދާއަށް މަސައްކަތް ކުރީމަ އޭގެ ވަށައިގެން އުފެދިގެން އަންނާނެ ވަޒީފާވެސް. އޭގެއިން އަންނާނެ ތަރައްގީވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ވެއެވެ. ނަމަވެސް އެފައިސާއަކީ ނުވަތަ އެ މަޝްރޫއުތަކަކީ އެހާ މުހިންމު މަޝްރޫއުތަކެއް ކަމަށް އެމަނިކުފާނު ދެކިވަޑައެއް ނުގަންނަވައެވެ. ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ތެރޭގައި ބައެއް މަޝްރޫއުތައް ނުފެށި އެބަހުރި ކަމަށެވެ.

"އެކަން ނުވެ އެ ހުންނަނީ އެއީ އެހާ މުހިއްމު ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާތީ. ފެނިވަޑައިގަންނަވާނަމަ ކޮންމެވެސް ގޮތަކަށް ކޮންމެވެސް ތާކުން އެ ފައިސާ ހަމަޖައްސާފައި އެކަމެއް ކުރާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑިތައް ހާއްސަ ކުރެވިގެން ދިއުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑިތައް ހާއްސަ ކުރެވިގެން ދިއުމަކީ ފިރިހެނުންގެ ހައްގުތައް ގެއްލިގެންދާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ފިރިހެނުންނަށްވެސް ކައުންސިލްތަކުގައި ފިރިހެނުންނަށް ހާއްސަވެފައިވާ ހުރިހާ ގޮނޑިތަކަކަށް ކުރިމަތިލުމަށާއި އަދި އަންހެނުން އެ މީހުންނަށް ހާއްސަ ކޮށްފައިވާ ހުރިހާ ގޮނޑިތަކަކަށް ކުރިމަތިލުމަށް ގޮވާލައްވާފައެވެ.