ކާށިދޫ ދާއިރާގެ އަންހެނުންނަކީ އަބަދުވެސް ދުޅަހެޔޮކޮށް ތިބެންޖެހޭނެ ބައެއް ކަމަށް އެ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ވަނީ ކާށިދޫ ދާއިރާގެ ދެވަނަ ރަށް ކަމަށްވާ ގާފަރު އަންހެނުން ހޭންޑް ބޯލް ކުޅުމަށް ދަނޑެއް އަޅައިދެއްވާފައެވެ. އެ ދަނޑުގައި އެރަށު އަންހެނުންތަކެއް ހޭންޑްބޯލް ކުޅޭ ފޮޓޯއެއް ޕޯސްޓުކުރައްވައި ކުރެއްވި ޓްވީޓެއްގައި ޖާބިރު ވިދާޅުވީ ކާށިދޫ ދާއިރާގެ ރައްޔިތުންނަކީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަކީ ޖާބިރަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ހިތްހަމަ ޖެހެނީ އަޅުގަނޑު އަޅައިދިން ހޭންޑްބޯލް ދަނޑުގައި އުފާވެރި ވަގުތުކޮޅެއް ގާފަރު ރައްޔިތުން ހޭދަކޮށްލާކަން،" ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާއަށް ޖާބިރު ކުރިމަތިލެއްވި އިރު އޭނާ ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ކާށިދޫއާއި ގާފަރު ކޭބަލް ކާރަކުން ގުޅާލުމަކީ އޭނާގެ މުހިއްމު އެއް ވައުދެވެ. އަދި އެ މަސައްކަތް ކުރުމަށް އޭނާ ވަނީ ދާދިފަހުން އިޓަލީން އެ މަސައްކަތުގެ ތަޖުރިބާކާރު ކުންފުންޏެއްގެ ޓީމެއް ކާށިދޫއަށް ގެންގޮސްފައެވެ.