ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމާއި މެދު ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް ޕާޓީން (އީސީއާރުޕީ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޕާޓީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރައީސް ޔާމީން ޖަލަށް ލާފައި ހުރުމާ މެދު ކަންބޮޑުވުން ފާޅު ކުރާކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބީއާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް ބާރުތައް އާ ސަރުކާރާ ހަވާލު ކުރެއްވީ ސުލްހަވެރިކަމާ އެކުގައި ކަން ފާހަގަ ކޮށްފައިވެއެވެ.

އަދި ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދެވުނީ އުސޫލުތަކާ ހިލާފަށް ކަމަށާއި ޝަރީއަށް ކުރިއަށް ގެންދިޔައީ އެންމެ ފަނޑިޔާރެއް ކަންވެސް އެ ޕާޓީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ހުކުމް ކުރުމުގެ ކުރިން، ސަރުކާރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ވަކި ކޮށްފައިވާ ކަމަށާއި އަދި ޕީޖީވެސް އިސްތިއުފާ ދެއްވާފައިވާ ކަން އެ ޕާޓީގެ ބަޔާނުގައި ވެއެވެ. އަދި މިކަން ކަމުން އެނގިގެން ދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރުކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.

އީސީއާރުޕީ އިން ވަނީ، ރައީސް ޔާމީނަށް ހުކުމް ކުރި ގޮތާ މެދު ކަންބޮޑުވާ ކަމަށާއި، އަދި އެކަން ހިނގާދިޔަ ގޮތް ބެލުމަށް ޔޫރަޕުގެ އިއްތިހާދަށް ގޮވާލާފައެވެ. އަދި ގާނޫނުގެ ވެރިކަމާއި، އިންސާނީ ހައްގުތައް ރާއްޖެއިން ނެތިގެންދާ ދިޔުންވެސް ބެލުމަށް އެ ޕާޓީއިން ގޮވާލާފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ. ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖުތައް ކުރަމުންނެވެ.