މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން އިސްނަގައިގެން މާލޭގައި މިފަހަކަށް އައިސް ބާއްވަމުން އަންނަ މުޒާހަރާއިން މިރޭވެސް ބަޔަކު މީހުން ހައްޔަރުކޮށްފިއެވެ.
ޕީޕީއެމްއިން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިރޭގެ މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރެއިން ހަ ބޭފުޅަކީ ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލް މެންބަރުން ކަމަށްވެސް ޕީޕީއެމްއިން ބުންޏެވެ. ނަމަވެސް މިހާރު މި ހުރިހާ ފަރާތްތަކުން ދޫކޮށްލާފައިވާ ކަމަށްވެސް ޕީޕީއެމްއިން ބުންޏެވެ.
ރޭވެސް ޕީޕީއެމްއިން ބޭއްވި މުޒާހަރާގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލް މެންބަރުން ހައްޔަރުކުރިއެވެ.
އެހެންނަމަވެސް ފަހުން އެ ފަރާތްތައް ވަނީ ފުލުހުން ދޫކޮށްލާފައެވެ. މި މުޒާހަރާގައި ޕީއެންސީގެ ނާއިބު ރައީސް އަހުމަދު ނިމާލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަލީ އާދަމްއަށް އަނިޔާވުމުގެ ސަބަބުން ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ ވަނީ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ. މި ހުކުމް ހައިކޯޓުގައި މިހާރުވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.