އަދުގެ ސަރުކާރުން ދައްކާ ބިރަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފަހަތަށް ނުޖެހޭނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި މިރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއިން އިދިކޮޅުގެ އިސް ފަރާތްތަކެއް ހައްޔަރު ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިރޭ ހައްޔަރުކުރި ހުރިހާ ފަރާތްތަކެއް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ނޫސްބަޔާނުގައި ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތްވާ ގޮތުގެ މަތިން ރައީސް ޔާމީން ދޫކޮށްލަން ދެން އަދި އެމަނިކުފާނަށް އިންސާފު ލިބެންދެން އެކޯލިޝަންގެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
"މި އަނިޔާވެރި ސަރުކާރުން ދައްކާ އެއްވެސް ބިރަކަށް ފަސްޖެހުމެއްނެތި، ސާބިތު ކަމާއެކު ރައީސްޔާމީން ސަލާމަތްކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަޤީންކަން މިކޯލިޝަންގެ ސަޕޯޓަރުންނަށް އަރުވަމެވެ،" ނޫސްބަޔާނުގައިވެއެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ލަތީފާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި، ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަބްދުﷲ މުހައްމަދުވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރޭ ވެސް އިދިކޮޅު ފަރާތްތަކުން ވަނީ މާލޭ ޖަލު ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ. އަދި އެ މުޒާހަރާއަށް ފުލުހުން ހުރަސް އެޅިއެވެ. އެ މުޒާހަރާގައި ބައެއް ފަރާތްތައް ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ.