ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީން ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި، އިސްތިއުނާފަށް ހުށަހެޅި މައްސަލާގައި ދެ ކަމަކަށް އެދިފައިވާނެ ކަމަށެވެ.
"އޭގެ ތެރެއިން އެއް ކަމަކީ، ރައީސް ޔާމީނަށް މިހާރު ކުރެވިފައިވާ ހުކުމް ފަސް ކުރުމުގެ އަމުރަކަށް އެދިފައިވާނެ. އޭގެ އިތުރުން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ވެސް އެދިފައިވާނެ" އަދުރޭ ވިދާޅުވިއެވެ.
މާލޭ ޖަލުގައި ހުންނެވުމަށްފަހު މިއަދު ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު، އެ ޖަލުގައި ޔާމީން ބަހައްޓާފައި ހުންނެވީ ސިޔާސީ ފަރާތްތައް ބޭތިއްބުމަށް ކުރީގެ ސަރުކާރުން ހެދި ހާއްސަ ރޫމްގައި ކަމެއް ނުވަތަ އާންމު ގޮޅިއެއްގައިކަން އަދި ސާފުނުވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.