ރާއްޖޭގެ އެއާޕޯޓުތައް ހިންގަން ބޭރުގެ ފަރާތްތަކަށް މި ސަރުކާރުން ހަވާލުނުކުރާ ސަބަބު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މިހާތަނަށް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބޭރުގެ ފަރާތަކުން ރާއްޖޭގެ އެއާޕޯޓަކާއި ކައިރިވެއްޖިއްޔާ އެކަން ވެގެންދަނީ ދިވެހިންގެ ތެރެއިން ބަޔަކު "ބިރުނަގާ" ކަމަކަށް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގުމަށް ނުވަތަ އޮޕަރޭޓު ކުރުމަށް ނުދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ އެ ސިޔާސަތު އަދި ތަންފީޒު ކުރެވެމުން މިދަނީ، ސިޔާސަތަކީ ގައުމުގެ ހާލަތު ބަދަލުވީ ބަދަލުވާ އެއްޗެއް. މިއަދުގެ ހާލަތުގައި މިއަދު ހިންގެން އޮތް ސިޔާސަތަކީ އެއީ،"
އަސްލަމް

އަސްލަމް އެފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ މީގެކުރިން އޮތްއިރު މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންޑިއާގެ ހިންގުން ޖީއެމްއާރާ ހަވާލުކުރުމުން އެކަމުގެ ބޮޑެތި ފާޑުކިޔުންތަކެއް އޭރުގެ ސަރުކާރަށް ގިނަ ރައްޔިތުންތަކެއް ރައްދުކޮށްފައިވާތީއެވެ. ވީއައިއޭގެ ހިންގުން ޖީއެމްއާރްއާ ހަވާލުކޮށްފައި ވަނީ ޖޫން 28، 2010 ވަނަ އަހަރުއެވެ. އަދި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލާފައިވެ އެވެ. އޭގެ ފަހުން އެއާޕޯޓް ހިންގަމުން އަންނަނީ އެމްއޭސީއެލުންނެވެ.

ޖީއެމްއާރުގެ އަތުން އެއާޕޯޓް ހިންގުން އަތުލީ އެކަމަށް ގޮވާލައި ގިނަ އެއްވުންތަކެއް މާލޭގައި ބޭއްވި ފަހުންނެވެ. މުޒާހަރާ ކުރި މީހުން ސިފަ ކުރިގޮތުގައި ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ އެއާޕޯޓް "ވިއްކާލުމެވެ."

ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމިމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ފައިސާ ދައްކައި ހަލާސްކޮށްފައެވެ.