ކާށިދޫއާ ގާފަރު ކޭބަލް ކާރަކުން ގުޅާލުމަށް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމަށް އިޓަލީގެ ކުންފުންޏެއް ކާށިދޫއަށް ގޮސްފިއެވެ.
މި ވައުދަކީ މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. އަދި ބައެއް ފަރާތްތަކުން މި ވައުދަށް ޖޯކުވެސް ޖެހިއެވެ. އެހެންނަމަވެސް ޖާބިރު އޭރުވެސް ވިދާޅުވަމުން ގެންދެވީ އެ ވައުދު އެމަނިކުފާނު ފުއްދަވާނެ ވާހަކައެވެ. އަދި އެއީ ބަޔަކު ސަމާސާއަކަށް ނެގި ކަމަކަށްވިއަސް އެކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ޖާބިރު އޭރުވެސް ދިޔައީ ވިދާޅުވަމުންނެވެ.
ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޭބަލް ކާރުގެ މަޝްރޫއު ފެށުމަށްޓަކައި އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނި ކަމަށްވާ ސިންޓިކްނިކާ އިންޖިނިއަރިންގެ ރައީސް ލޫކާއާ އެކުންފުނީގެ އެސޯސިއޭޓު މާކަސް ގާފަރާއި ކާށިދޫއަށް ވަޑައިގެންފައިވާ ކަމަށެވެ.
ކާށިދޫ ދާއިރާގައި ހިންގަން ވައުދުވީ ޕްރޮޖެކްޓްތައް ފަށާނެ ކަމަށާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހުރިހާ އިންވެސްޓަރުންވެސް ކާށިދޫ ދާއިރާއަށް އިންވެސްޓް ކުރުމަށް ދައުވަތު ދޭނެ ކަމަށް ޖާބިރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ، ޖާބިރު ވިދާޅުވެފައި ވަނީ، އެ މަސައްކަތް ކުރުމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ދާނެ ކަމަށެވެ.