ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމަށް ވޯޓުނަގަން ތައްޔާރުވެފައި ވަނިކޮށް ޑީއާރްޕީގެ ލީޑަރު އަދު ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލިސް ތަޅުން ދޫކުރައްވާ ނިކުމެވަޑައިގެންފިއެވެ.
މިއަދުގެ ވޯޓުގައި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދު ވަނީ މަގާމުން ވަކި ކޮށްފައެވެ. އެ ދެ ބޭފުޅުން މަގާމުން ވަކި ކުރީ 69 މެންބަރުންގެ ވޯޓުންނެވެ. ގާނޫނުއަސާސީގައި ފަނޑިޔާރަކު ވަކި ކުރަން ވާނީ ވޯޓުގައި ބައިވެރިވާ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މިއަދުގެ ވޯޓު ގަޑި ޖެހިގެން ދިޔައިރު ޖާބިރު މަޖިލިސް ތަޅުން ދޫކޮށް ވަނީ ނިކުމެވަޑައިގެންފައެވެ.
އެހެން ދުވަސްތަކާ ހިލާފަށް މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދާއި ރަސްމީ ދަތުރުތަކުގައި ތިއްބެވި މެންބަރުންގެ އަދަދާއި އެ މެންބަރުންގެ ނަންފުޅުތަކާއި ސަލާމްގައި ހުންނެވީ ކިތައް މެންބަރުންކަން އިއުލާނު ކުރައްވާފައެވެ. މިއީ މަޖިލިސް ވޯޓުގަޑީގައި މިހާތަނަށް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާފައިވާ ގޮތެއް ނޫނެވެ. އާއްމު ގޮތެއްގައި މިގޮތަށް އިއުލާނުކުރައްވަނީ މަޖިލިސް ޖަލްސާ ފައްޓަވާއިރުގައެވެ. އެހެންނަމަވެސް މިއަދު އެފަދައިން ވިދާޅުވެ ތަޅުމުގައި ނެތް މެންބަރުންގެ ނަންވެސް އިއުލާން ކުރެއްވިއެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރުން ތަޅުމުގައި ނެތްކަން އިއުލާން ކުރެއްވިއެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ގޮތުން ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "އަންބޮނޑި"އަށް ފަނޑިޔާރުގެ ލުމަށް ކުރާ މަސައްކަތަށް ކާށިދޫ ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށެވެ. އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފަނޑިޔާރުން ވަކި ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
"ފުރާޅުން ޓިނު ނެގުން އެކަންޏެއް ނޫން ގޯސް ވަނީ، އެވެސް ގޯސް މިވެސް ގޯސް،" ޖާބިރު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ މަގާމުން ވަކި ކޮށްފައިވާއިރު ދެ ފަނޑިޔާރުން ވެސް ވަނީ ކުރަމުން ގެންދާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އަމަލު ކުރަމުންދަނީ ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާއިވެސް މުޅިން ހިލާފަށް ކަމަށް ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. މި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މަގާމުން މިއަދު ވަކި ކުރެއްވި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ޖޭއެސްސީއަށް ތަފާތު އެކި ފަހަރު މަތިން ސިޓީވެސް ފޮނުވާފައެވެ. އަދި ތަފާތު އެކި ފަހަރު ބަޔާންތައްވެސް ނެރެފައިވެއެވެ.
އަފްރާޝީމްގެ ތަހުގީގަށް ބޭނުންވި ޖާގެ އޯޑިއޯ ފުލުހުން އަތަކު ނެތް: ރިޕޯޓު