ސުޕްރީމް ކޯޓުގެ އޮޑިޓެއް ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި، މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި އޮޑިޓެއް ކުރިއަށް ގެންދިއުމަށެވެ.

މިއޮޑިޓް ކުރިއަށް ގެންދާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިންޓާނަލް އޮޑިޓުން ކަމަށްވެސް ޖޭއެސްސީން ވަނީ މައުލޫމާތު ދީފަ އެވެ.

ޖޭއެސްސީން އިތުރަށް ބުނީ މިއީ ސުޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކަމަށެވެ.

ސުޕްރީމްކޯޓުގެ އޮޑިޓެއް ކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު އެކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަތައް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުން އެ ކޯޓުގެ ޕެޓީ ކޭޝް މެދުވެރިކޮށް މެންދުރުގެ ފަރިއްކުޅުއްވުމަށް ތަކެތި ގެންނަ ކަމުގެ މައްސަލައެއްވެސް ޖޭއެސްސީއަށް އާއްމު ފަރާތަކުން ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކި ކުރުމަށް އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އަދި މަޖިލީހުގެ ޖުޑީޝަރީން ކޮމެޓީންވެސް ވަނީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމަށް ތާއީދުކޮށްފައެވެ. އެހެންކަމުން އެ ދެ ފަނޑިޔާރުންގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކުރެވިފައެވެ.