ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަމަލުތަކާއި މަޖިލީހުގައި އެމަނިކުފާނު ދައްކަވާ ވާހަކަތަކާއި އެމަނިކުފާނު ހެދުން ތުރުކުރައްވާ ގޮތަކީ ދިވެހިންގެ ތެރެއިން ގިނަބަޔަކު ފާހަގަ ކުރާ ކަންތައްތަކެކެވެ.

ކޮންމެއަކަސް އަނެއްކާވެސް މިއޮތީ ޖާބިރުގެ އާ ވާހަކައެކެވެ. މިއަދު ސޯޝަލް މީޑިއާގައި އާއްމުވެފައި ވަނީ މިއަދުގެ ހުކުރު ނަމާދުގައި ޖާބިރު ހުންނަވަނިކޮށް ފެނިގެން މީހަކު ނަގާފައިވާ ފޮޓޯއެކެވެ. ޖާބިރު މިއަދު އިސްލާމީ މަރުކަޒަށް ހުކުރަށް ވަޑައިގެން ހުންނެވީ ކޯޓު ފަޓުލޫނުގައެވެ.

މިސްކިތުގެ ކުރީ ސަފުގައި ޖާބިރު ހުންނެވިތަން ފެނުމުން ލުބްނާ ޒާހިރު އޭނާގެ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓުގައި ބުނީ ޖާބިރަކީ ރަނގަޅު މީހެއް ކަމަށެވެ.

ލުބްނާގެ އެ ޓްވީޓަށް ޖަވާބު ދެއްވާ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ކުރެއްވި ޓްވީޓުގައި 'އެންގްރީ ފޭސް' އަކާ އެކު ވިދާޅުވީ 'ޖާބިރު ހުކުރަށް ވަޑައިގަތީ ކުދިންކޮޅު ނުލާ' ކަމަށެވެ.

ދިޔާނާ އެފަދައިން ވިދާޅުވުމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މިއަދަކީ ވިއްސާރަ ދުވަހެއް ކަމަށެވެ. ޖެނިފާ އެހެން ވިދާޅުވުމުން ދިޔާނާ ވިދާޅުވީ "ތީތާ ތިވާގޮތަކީ" މިހެނެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުކުރަށް ވަޑައިގެން އިސްލާމީ މަރުކަޒުގައި ހުންނެވި މަންޒަރުގެ ސްކްރީން ޝޮޓެއް

ކޮންމެއަކަސް ޖާބިރުގެ މި ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަން ލިބި ގިނަބަޔަކު އަންނަނީ އެ ފޮޓޯއަށް ކޮމެންޓު ކުރަމުންނެވެ. ބައެއް މީހުން ޖާބިރު މިއަދު ހުކުރަށް ވަޑައިގަތީ ދިޔާނާއަށް ފިއްލަވައިގެން ކަމަށް ބުނެފައި ވާއިރު ޖާބިރަކީ ހިތްހެޔޮ މީހެއްގެ ގޮތުގައި ބައެއް މީހުން ވަނީ ސިފަކޮށްފައެވެ.