ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު އިންސާފުވެރިކަމާއި އެކުގައި ހިންގުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ޖާބިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ޝަރީއަތްތައް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާ ދަނޑިވަޅުގައި އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރެއްވި ފުލުހުންގެ މުއައްސަސާގެ އޭރުގެ ބޭފުޅުންނާއި އަދި އެ މައްސަލަތަކުގެ ދައުވާ އުފުލި ޕްރޮސިކިއުޓާ ޖެނެރަލް މިއަދުވެސް އެ މައްސަލަތައް އަލުން ތަހުގީގު ކުރުމަކީ އެފަރާތްތަކުން މީގެކުރިން އަމަލުކޮށްފައިވާ ގޮތުން ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް އަލުން ހޯދައިދެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

ޖާބިރުގެ ސިޓީގައި ވިދާޅުވީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ނެގިގެންދިޔަ މުހިއްމު ވޯޓުތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ފައިސާ ނަގާފައިވާކަން މީޑިއާތަކުން ގެނެސްދޭ ހަބަރުތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވެސް ޖާބިރުގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

ޖާބިރު ވިދާޅުވީ މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި މަޖިލިސް މެންބަރުން ތިއްބެވިކަމާއި ސަލާމަތީ ބާރުތަކާއި ފަނޑިޔާރުންވެސް އަދި ވިޔަފާރިވެރިންވެސް މި ހިޔާނާތުގެ މައްސަލާގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ތަހުގީގު ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ ހާޒިރު ކުރެވޭ ފަރާތަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ވެއްޖެނަމަ ތަހުގީގު ކުރިއަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ 19ވަނަ މަޖިލީހުގައި 16 މެންބަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ހަތް ބޭފުޅަކަށް އެ ފައިސާ ލިބިވަޑައިގެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.