ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާނަމަ މަގާމުތަކުގައި ތިބެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ސަރުކާރުގެ ސިޔާސަތު ދިފާއު ކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. އެކަން ކުރަން ފަސްޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުތަކުގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައި މިވަނީ އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ. އެގޮތުން މި ރިޕޯޓާ ދެކޮޅަށް 70އަށްވުރެ ގިނަ ކައުންސިލުން ވަނީ ބަޔާން ނެރެފައެވެ. މިކަމާއި ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިއާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލްއަހްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއިއެކު އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މި ސަރުކާރުގެ 7 މީހަކަށް ލިބިފައިވާ ކަމަށާއި 19ވަނަ ރައްޔިތުން މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާ ކަމަށް ބުނެފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަމަށް އެމަނިކުފާނު ވަނީ އެކި ފޯރަމްތަކުގައި ވިދާޅުވެފައެވެ.