ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ބަލަމުންދާ އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކަކީ ނުބެލޭނެ މައްސަލަތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަން އަންގައި، ޖޭއެސްސީން ފޮނުވި ނޯޓިސްގައި 15 ކަމެއް ހިމަނާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި އެ ކޮމިޝަނަށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް، އުއްތަމަފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި އެ ނިންމުން ނިންމި ފަނޑިޔާރަށް ނުފޫޒު ފޯރުވައި ބިރު ދައްކައި އަދި އެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

އަދި ޖޭއެސްސީއާ ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލާއިރު ވެސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ކަހަލަ ނިންމުމެއް މުރާޖައާ ކުރުމާއި އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށް އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމުގެ އެއްވެސް ކަހަލަ ބާރެއް ނުވަތަ އިހުތިސާސެއް ވެސް ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގަ އާއި ޝަރީއަތުން ބަލާ އެ ނޫން މައްސަލަތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ.

ފަނޑިޔާރަކު ނިންމި ނިންމުމެއްގައި އޭނާ އިޖްތިހާދު ކުރި ގޮތަކުން ނުވަތަ ރައުޔު ދިން ގޮތަކުން ނުވަތަ ނިންމި ނިންމުމެއްގެ ސަބަބުން އެ ނިންމުން ގޯސް ކަމުގައި ބުނެ، އެ ނިންމުމުގެ މެރިޓަށް ބަލައިގެން އެ ފަނޑިޔާރަކާ ދެކޮޅަށް އެއްވެސް ކަހަލަ އިޖްރާއާތެއް ވިޔަސް، މަދަނީ އަދި ޖިނާއީ އިޖްރާއާތުތަކެއް ވިޔަސް ހިންގުމަކީ މި މިންގަނޑުތަކުން ކަނޑައެޅިގެން މަނާ ކުރާ ކަމެއް ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.