މި ސަރުކާރުން ފެން ފޮދަކާ ނުލައި ބަޖެޓު ދިރުވާލާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ އެ ވާހަކައަށް ފާޑު ވިދާޅުވެ ރޮޒެއިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ "ގައުމު ދަވާލި ވެރިޔާ" ކަމަށެވެ. އަދި އަލަށް ފެއްޓި މަޝްރޫއެއް ވެސް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ރޮޒެއިނާ ވަނީ މި ސަރުކާރުން އަލަށް ފެއްޓި މަޝްރޫއުތައް ކަމަށް ވިދާޅުވެ ތިން މަޝްރޫއެއްގެ ނަން ވިދާޅުވެފައެވެ. އެގޮތުން މީދޫ ބަނދަރާއި މަރަދޫ ފޭދޫ ބަނދަރާއި ހުޅުމީދޫ ހެލްތު ސެންޓަރަކީ މި ސަރުކާރުން އަލަށް ފެށި ތިން މަޝްރޫއު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ އެއީ އެކަމަނާގެ ދާއިރާގައި ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ކަމަށެވެ. އަދި ވިދާޅުވީ ވައްކަމާ ނުލައި، އަމިއްލަ އެކައުންޓަށް ވައްކަމުގެ ފައިސާ ނުވައްދަވައި އަމިއްލަ ގެކޮޅަށް ގޯނި ގޯނީގައި ފައިސާ ނުވައްދަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދު ފުއްދަވާނެ ކަމަށެވެ.
"އަންނަނީ އަންނަނީ" މިނަމުގައި ރޭ ޕީޕީއެމްއިން ބޭއްވި ރެލީގައި ވާހަކަަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ދެ ބަޖެޓު ވެސް ފެންފޮދަކާ ނުލައި ދިރުވާލައިފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ ބަޖެޓާ އެއްގޮތަށް ކަންކަން ކުރަން ދަންނަ އަދި ބަޖެޓުން ފައިސާ ހުސްވުމުން ފައިސާ ހޯދަން ވެސް ނޭނގޭ އަދި ބޭރު ގައުމުތަކުން ފައިސާ ހޯދަން ވެސް ދަންނަ ސަރުކާރެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަޖެޓުތަކުން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އަލަށް ފެއްޓި އެއްވެސް މަޝްރޫއެއް ވެސް ނެތް ކަމަށެވެ.
އަންނަ މަހު ސަރުކާރަށް އެއް އަހަރު ފުރޭއިރު މި ސަރުކާރުން ތަރައްގީގެ ބިޔަ މަޝްރޫއެއް ނުފަށާތީ ބައެއް ރައްޔިތުން ވެސް އަންނަނީ ސަރުކާރަށް ފާޑު ކިޔާ، ސަރުކާރުގެ ސްޕީޑު ލަސް ކަމަށް ބުނަމުންނެވެ.