މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާތީ އާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެ، މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ވީ އެންމެ އަވަހަށް ހަވާލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށާއި، މަސްވެރިންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުން ސަރުކާރުގެ މައްޗަށް މަސްވެރިންގެ ގާނޫނުން ލާޒިމްކުރާ ކަމަށެވެ.

މަސްވެރިންނަކީ ރާއްޖޭގެ އިގްތިސޯދު ބިނާކުރުމުގައި މުހިންމު މަސައްކަތެއް ކުރަމުންދާ ބައެއް ކަމާއި، މަސްވެރިން ކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބެން ޖެހޭނެ ކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

އެ ގަރާރުގައި ރޮޒައިނާ އިތުރަށް ވިދާޅުވީ:

  • މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ އެ ފަރާތްތަކުން ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް
  • މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމައަށް ނުދީ ދެ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެއްޖެ ކަމަށް
  • އެކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމުގެ ކަންކަން ދަތިވެފައިވާ ކަމަށް
  • މަސްވެރިންނާއި އެ މީހުންގެ އާއިލާ އަށް ހަރަދުކުރަނީ މަސްވެރިކަމުން ލިބޭ އާމްދަނީން ކަމަށް

އެހެންކަމުން ރޮޒައިނާގެ ގަރާރުގައި ގޮވާލެއްވީ މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭ މައްސަލައިގައި ސަރުކާރުން އަވަސް ފިޔަވަޅު އަޅައި، މަސްވެރިން ބާނާ މަހަށްވާ ފައިސާ ވީ އެންމެ އަވަހަށް އެ ފަރާތްތަކާ ހަވާލުކުރުމަށެވެ.

މި މަހުގެ ފުރަތަމަ ދުވަހު މަސްވެރިޔަކު ވީޑިއޯއެއް މެދުވެރިކޮށް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޭރު ވިދާޅުވީ، ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ހަމަޖައްސާނެ ކަމަށާއި، މަސްވެރިންނަށް ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވާން ނުޖެހޭ ފަދަ ގޮތަކަށް ކުރިއަށް އޮތް ތަނުގައި ކަންކަން ރޭވިގެން ދާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ދޭން ޖެހިފައިވާ ކަން ފާހަގަކުރެވުނު ކަމަށާއި، ވެރިކަމާ ހަވާލުވުމަށްފަހު މިވީހާ ދުވަހުގެ ތެރޭގައި މަސްވެރިންނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ދީފައިވާ ކަމަށެވެ.

"މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔޫޓިލިޓީ ބިލުތަކަށް ފައިސާ ނުދެއްކި، ދަރިންގެ ޓިއުޝަން ފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަން ޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއް ނޫން އަދި އެއީ ލިބޭ ވަރަށްވެސް ބޮޑު ހިތްދަތިކަމެއް." 'އެކްސް' ގައި މި މަހުގެ ދެވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އަދިވެސް މަސްވެރިންނަށް 190 މިލިއަނެއްހާ ރުފިޔާ ނުދެވި ހުރި ކަމަށް ތަފާސްހިސާބުތަކުން ހާމަވާ ކަމަށާއި، ސޮވަރިން ގެރެންޓީ ދީގެން ފެސިލިޓީ އެއް ހޯދައި މަސްވެރިންނަށް އެ ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.